25 ނޮވެމްބަރ 2010
ޢަބްދުﷲ ޖުނައިދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރާއްޖޭގައި ޑިމޮކްރެޓިކް ވެށްޓެއް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުކުރާނެ ކަމަށާއި، ސިޓީ ކައުންސިލް އިންތިޚާބު
މާލެއިން ކާމިޔާބުކުރާނީ އެމްޑީޕީ ކަމަށް މުނިސިޕަލްޓީގެ ރައީސް ސަރަނގުއާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ޕާޓީގެ މައި ހަރުގޭގައި ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ޑީއާރުޕީން ކުރަމުންދާ ފިނޑި ޢަމަލުތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުން ރުހުންނުދޭ ބޭފުޅުން ވަޒީރުކަމުގެ މަގާމުގައި ދެމިނުތިބެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު ޑީއާރުޕީ ކޯލިޝަނުން އިއްޔެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ވަރަށް ހަރުކަށިކޮށް މޫސަ ވަނީ އެކަމަށް ރައްދު ދެއްވައި އެގޮތަށް އެކަން ނުހިނގާނެ ކަމަށްވެސް ވިދާޅުވެފައެވެ. ރުހުން ނުދޭތީއޭ ބުނެ އެއްވެސް މެމްބަރަކު ވަކި ކުރުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑީއާރުޕީ އަކީ މަރަށް ތެޅެމުންދާ ޕާޓީއެއް ކަމަށް ސިފަކުރައްވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، ވެރިކަންކުރާ މާލެ ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސް އަޅަން މަސައްކަތްކުރަމުންދާ މީހުންނަށް އެމީހުން އެބޭނުންވާގޮތަށް މަޖިލިސްގެ ކުރިޔަށް ގެންދެވޭނީ މާލެއިން އެހެން ތަނަކަށް މަޖިލިސްކުރާ ގެ ބަދަލުކޮށްގެންނެވެ. “ރުހުން ނުލިބެއޭ ކިޔާފަ މަޖިލީހަށް ނުވައްދާނަމަ އެމީހުންނަށް ޖެހޭނީ ރައްޔިތުންގެ މަޖިލިސްކުރާ ގެ މާލެ ނޫން ކޮންމެވެސް އެހެން ތަނަކަށް ބަދަލުކުރަން .. ޑީއާރުޕީ މިހާރު އެތެޅެނީ މަރަށް.. އެއީ މަރަށް ތެޅެމުންދާ ޕާޓީއެއް..”
ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުންގެ ވާހަކަތަކުން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ކެބިނެޓާ ދޭތެރޭ “މަރަށް ތެޅެމުންދާ ޕާޓީ”ގެ ރުހުން ނެތުމަކީ ޤާނޫނީ ގޮތުންނާއި ދުސްރީ ގޮތުންނާއި މާލީ ގޮތުންނާއި، އަދި ސަލާމަތީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުން ދައުލަތަށް ލިބޭނެ ކަމެއް ނޫންކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި ޕާޓީގެ ޓިކެޓާއެކު ސިޓީ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނޭ އެމްޑީޕީގެ ކެނޑިޑޭޓް ކަމަށް ބެލެވޭ ސަރަނގު އާދަމް މަނިކަށް ރޭގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ތާއީދުކުރެއްވި އެވެ.
……………….