މެންބަރުންގެ ޚިޔާލު: މެންބަރުންގެ ބޮލުގައި އެޅިފައިވާ ފުރިހަމަ ޒިންމާ އޭގެ ގޮތުގައި އުފުލާން ޖެހޭނެއެވެ!

24 ނޮވެމްބަރ 2010

ފުނަމާ

މިއަދު އަނެއްކާވެސް އެމްޑީޕީއަށް މިވަނީ މަދަކަ ބައިވަރެއްނޫން މެންބަރުން އިތުރުވެފައެވެ. ޕާޓީއަށް ހެޔޮއެދޭ މިޕާޓީގެ ކޮންމެ މެންބަރަކުވެސް މިކަމާ އިންތިހާއަށް އުފާކޮށް ﷲއަށް ޝުކުރު ދެންނެވުން ޙައްޤެވެ. އަދި މިއީ މިޕާޓީ ނިސްބަތްވާ މިއަދުގެ ސަރުކާރުގެ ސިޔާސަތުތައް ޢާންމުން ޤަބޫލު ކުރަމުން ގެންދާކަން އަންގައިދޭ ދަލީލެއްވެސް މެއެވެ.
ވެރިކަމަށް މިޕާޓިއައިއިރު މެންބަރުންގެ އަދަދާއި މިއަދު މިޤައުމުގައި މިއޮތް ސިޔާސީ ގޮންޖެހުމުގެ ތެރޭން މިޕާޓީގެ މެންބަރުންގެ އަދަދު ދެގުނަޔަށްވުރެ ބޮޑުވެގެން ދިޔަދިޔުމަކީ އިއްތިފާޤެއްނޫނެވެ. އެއީ މިޕާޓީގެ އިސްސަފުގައި ތިއްބެވި ހަރުދަނާ ޝަޚްސިއްޔަތް ތަކުގެ މިންނެތް މަސައްކަތްތަކުގެ ނަތީޖާއެވެ. މިކަން މެންބަރުން ދެކި ޤަބޫލުކޮށް ޕާޓީގެ މެންބަރަކަށް ވީތީވެ އަދާ ކުރާންޖެހިފައިވާ ޒިންމާ ކޮންމެ މެންބަރަކުވެސް އެންމެ ފުރިހަމަޔަށް އިޚްލާސްތެރި ކަމާއެކު އަދާކުރުމަކީ ވާޖިބެއްކަމުގައި ދެކޭންޖެހޭނެއެވެ. އެހެންނޫނީ ޕާޓީގައި މެންބަރުންގެ ލިސްޓު ދިގުވިޔަކަސް އޭގެ ހަޤީޤީ ބޭނުމެއް ނުފުދޭނެއެވެ.
ވިސްނާލައްވާށެވެ. މިއަދު މިޤައުމުގައި އޮތީ އެމްޑިޕީއަށް ނިސްބަތްވާ ސަރުކާރެކެވެ. އެމްޑީޕީ އިއްތިހާދެކޭ ބުނި ނަމަވެސް އެބަހުގެ މާނަ މިއަދު ފަހުމް ވަމުން ދަނީ އެންމެ ފުރިހަމަޔައް ނޫންކަމުގައި ދަންނަވާން ޖެހެއެވެ. އިއްތިހާދުވެފައިވާ ފަރާތްތަކުންވެސް މިއަދު ސަރުކާރު ވައްޓާލުމަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް އެއްބާރުލުން ދެމުން ގެންދާތަން މިފެންނަނީ ފާޅުގައެވެ. އެމީހުންގެ އެހީތެރިކަމާއެކު އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން ސަރުކާރު ހުއްޓުވާލައި ވެރިކަން ވައްޓާލުމަށް އެކުރާ މަސައްކަތް ތަކަކީ އޮޅިފައި އޮތް ކަމެއް ނޫން ދޮގެއްތޯއެވެ.
މީގެ އިތުރުން ދައުލަތުގައި ހިމެނޭ ގާތްގަނޑަކަށް ހުރިހާ މުސްތަޤިއްލު ކޮމިޝަންތަކުންވެސް ފިސާރި ފާޅުކަން ބޮޑުގޮތެއްގައި އެގެންދަނީ ސަރުކާރަށް ގޮންޖަހައި ސަރުކާރު އިނދަޖައްސާލުމަށް ވެދެވެން އޮތް އެހީއެއް އިދިކޮޅު ފަރާތްތަކަށް ވެދެމުންކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މުސްތަޤިއްލު ކޮމިޝަންތަކުގައި ތިބީ އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތުއޮތް މަޖްލީހުން ރުހުން ހޯއްދަވައިގެން ތިއްބެވި ފަރާތްތައްކަމުން މިކަމާ ހައިރާންވާކަށް ނުޖެހެއެވެ. އިދިކޮޅު ފަރާތްތައް ރުއްސައި ނުދެވިއްޖެނަމަ އޮޑިޓަރ ޖެނެރަލް ނެރުނު ދޮރުން ނެރޭނެކަން އެނގޭތީވެ ގަންނާ ކުރައްވާ ބިރުން އެފަރާތްތަކުން އެގޮތައް އަމަލުކުރުމަކީ ނުވެ ނުދާނެ ކަމެކެވެ.
ސިވިލް ސާވިސް ކޮމިޝަންއިން ކުޑަދުލެއް ދީފައި މިއަދު ފަހުމީ އެވަނީ އަނެއްކާވެސް އާބާރެއްލާ ސަރުކާރު ފިއްތާލައި އެކޮމިޝަނަކީވެސް މިޤައުމުގައި އޮތް އިތުރު ސަރުކާރެއްކަން ހާމަކޮށްދޭން ފަށާފައެވެ. ފާޅުގައި ސަރުކާރުން އަންގާ އެންގުންތަކަށް ބޯނުލެނބުމަށް އެކޮމިޝަންގެ މުއައްޒަފުންނަށް އޯޑަރު ދެމުން ގެންދާއިރު އެލެކްޝަން ކޮމިޝަނުންވެސް މިވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދޭ ބާރުތައް ނިގުޅައިގަނެ އެކޮމިޝަންގެ ބާރު ގަދަކޮށް އިތުރު ސަރުކާރެއްގެ ގޮތުގައި އެކޮމިޝަންވެސް ބައްޓަން ކުރާން ފަށާފައެވެ. ސަރުކާރު ހިންގާ ޕާޓީ ފަހާބޭރުކޮށް އިދިކޮޅު ފަރާތްތަކުގެ ލޭބަލް ޖަހައިގެން ތިބި ފަރާތްތަކުގެ ބާރުގެ ދަށަށް ލޯކަލް ކައުންސިލްގެ ބާރުތައް ފުރިހަމަޔައް ދޫކޮށް ނުލެވިގެން އެކޮމިޝަނުން އެގެންދަނީ ކުކުރަމުންނެވެ. ރައްރަށުގައި ތިބި ލާޖެހި ކަތީބުންނާއި އަތޮޅު އޮފީސްތަކުގައި ތިބި ކުރަލާފައިތިބި އެހީތެރީންނާއި މުއާވިނުންގެ އަތްމައްޗަށް ލޯކަލް ކައުންސިލްގެ މުގޫ ދީގެން ސަރުކާރު ލުހެލުމަށް ގޮންޖަހަމުން ގެންދާއިރު ސަރުކާރުގެ ވަޒީރުން ބޮލާފޮށާ އެޅުވުމާ ދައުލަތް ހިންގާނެ ބަޖެޓު ފާސްނުކުރުމަށް ކުރެވޭން އޮތްހާ މަސައްކަތެއް ކުރުމަށް މަޖްލިހުގެ ތެރޭން އިދިކޮޅުފަރާތްތަކުން އެގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިހުރިހާ ގޮންޖެހުންތަކާއެކު ސަރުކާރު ދާންބޭނުންވާ މިނުގައި ނޫންނަމަވެސް އެދަނީ ކުރިޔަށެވެ. އެކަން ޤަބޫލު ކުރެވިގެން ސަރުކާރު ހިންގާ މިޕާޓިއާ އިތުރު މެންބަރުން ގުޅި އެދަނީ އަތާއަތް ގުޅާލަމުންނެވެ. މިފަދަ ކޮންމެ ވަޤުތެއްގައިވެސް މިޕާޓީގެ މެންބަރުން ރިވެތި ގޮތުގައި ކެއްތެރިވެ ނަމޫނާ ދައްކައިގެން މެނުވީ ސަރުކާރު ބޮލާއަޅުވައި ނުލާ ބޭއްވުމަކީ ދުރުކަމަކަށް ވެދާނެކަން އެންމެ މެންބަރުންވެސް ހަނދާނުގައި ބަހައްޓާން ޖެހޭނެއެވެ. މެންބަރުންގެ މެދުގައި ހުންނަ ޒާތީ މައްސަލަތައް އިސްކޮށް ތޮށިގަނޑުން ބޭރުވެ ޕާޓީގެ މަސްލަޙަތާ ފުށުއަރާ ކަންކަމައިގެން ހޭލަމޭލިވާން ވެއްޖެނަމަ މެންބަރުން އިތުރުވުމުން ކުރާންވީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކުރަމަކުން ނުދާނެއެވެ. ޚާއްސަކޮށް ޕާޓިގެ އިސްސަފުގައި ތިއްބެވި ފަރާތްތަކާ ޕާލަމެންޓަރީ ގުރޫޕުން މިއަދު ބަދަހި ގުޅުމެއް އިތުރުކުރާން އެބަޖެހެއެވެ. މިޕާޓީގެ ކޮންމެ މެންބަރަކު ޕާޓީފެންވަރުގައި ކުރާކޮންމެ ކަމެއްގައިވެސް ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް އަސަރުކުރާނެކަން އަބަދުވެސް ހިތުގައި ބާއްވާން ޖެހޭނެއެވެ. މިދުވަސްވަރަކީ ލޯކަލް ކައުންސިލްގެ އިންތިޚާބައިގެން މުޅިރާއްޖެ ހޭބޯނާރައި އުޅެމުން ގެންދާ ދުވަސްވަރަކަށް ވާއިރު މިކަމުގައި އަދި މާބޮޑަށް ވިސްނާންޖެހޭނެއެވެ. މެންބަރުންގެ ބޮލުގައި އެޅިފައިވާ ފުރިހަމަ ޒިންމާ އޭގެ ގޮތުގައި އުފުލާން ޖެހޭނެއެވެ.