–ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ސަރަނގު އާދަމް މަނިކު
ޢަބްދުﷲ ޖުނައިދު
މާލޭ ސިޓީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ މެދުގައި ބޭއްވި ޕްރައިމަރީތައް އިއްޔެ ނިމުމާއެކު، މާލޭގެ 11 ދާއިރާއިން މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރައްވާނޭ ކަމަށް ބެލެވޭ ކެންޑިޑޭޓުން ޔަޤީން ވެއްޖެއެވެ.
އިއްޔެ ބޭއްވި ޕްރައިމަރީތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފެބުރުއަރީމަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ހުޅުހެންވޭރަށް ވާދަކުރާނީ ހ.އިސްދޫ އަލިމަނިކެވެ. މަޝްހޫރު ފިލްމީ ތަރި ލުފްޝާން ޝަކީބު ވާދަކުރާނީ މެދު ހެންވޭރު ދާއިރާއިންނެވެ. ހެންވޭރު ދެކުނުން ވާދަކުރާނީ މުޙައްމަދު ޢަބްދުލް ކަރީމް (ހ.ރުކުމާގެ) އެވެ. ގަލޮޅު އުތުރުން މުޙައްމަދު އަފްރާޙް ޚަލީލް (ބޮޑީ އަފްރާ) ވާދަކުރާއިރު ޕްރައިމަރީގެ އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވާދަކުރައްވާނީ މައްޗަންގޮޅީ ދެކުނު ދާއިރާއިންނެވެ. މާފަންނު ދެކުނުން ނުކުންނާނީ މުޙައްމަދު އައިމަން (އާނު)މ.މާފަރުގެ އެވެ. ވިލިމާފަންނު ދާއިރާގެ ރައީސް އަރްޙަމް ޙުސައިން ވަނީ އެދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށްފައެވެ.
މި 7 ޓިކެޓުގެ އިތުރުން ޕްރައިމަރީއަކަށް ނުގޮސް ޕާޓީ ޓިކެޓު ލިބޭނޭކަމަށް ބެލެވޭ 4 ކެނޑިޑޭޓުންނަކީ ގަލޮޅު ދެކުނުން ގ.ކިޔަވާގޭ ޢަބްދުﷲ ޝަފީޤް، މާފަންނު އުތުރުން އަޙްމަދު ސަމާހް ރަޝީދު/މ.ސިސްކިން، މާފަންނު ހުޅަނގުން މުޙައްމަދު ފަލާޙް (ފަލާ) އަދި މައްޗަންގޮޅީ އުތުރުން ފިލްމީ ތަރި ޙަސަން އަފީފް (ޖަންބު ޙަސަން އަފީފް) އެވެ.
މާލޭ ސިޓީގެ ވޯޓުލުން ކުރިޔަށްދިޔައީ ވިލިމާލޭގައާއި ހުޅުމާލޭގެ އިތުރުން ޕާޓީގެ ރަސްމީ މައި ހަރުގޭގައެވެ.
އެމްޑީޕީގެ ޕްރައިމަރީތަކުގެ ދާއިމީ ނަތީޖާ އާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވާ ފަރާތްތައް ވަރަށް އަވަހަށް އިޢުލާންކުރެވޭނޭ ކަމަށް އުއްމީދުކުރާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.