މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް ސަރުކާރުންކުރާ މަސައްކަތަށް އަދުލު އިންސާފު ހިންގުމުގެ ދާއިރާއިން އެއްބާރުލުން ނުދޭތީ އެކަން ކުށްވެރިކުރުން

28 ފެބްރުއަރީ 2010

އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަދުލު އިންސާފުގެ ދާއިރާއިން އެއްބާރުލުން ނުލިބޭތީ އެކަމާ ހިތާމަކޮށް މަސްތުވާތަކެތި ބޭނުންކޮށް އޭގެވިޔަފާރިކުރާ ފަރާތްތަކާއި ބޮޑެތި މާރާމާރީ ހިންގާ ފަރާތްތަކަށް މަގުފަހިވާ ގޮތަށް މިހާރަކަށް އައިސް ގިނަ މައްސަލަތަކެއް ނިމިގެންދާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ވޭތުވެދިޔަ ސަރުކާރުން ބަނގުރާ ގެންގުޅުމާއި ބުއިމުގެ ހުއްދަ 826 ފަރާތަކަށް ދީފައިވުމުގެ ސަބަބުން ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ އާންމުވެ، އޭގެ ސަބަބުން ބޮޑެތި ޖަރީމާތަކަށް މަގުފަހިވެ، ރާއްޖޭގެ އިޖުތިމާޢީ އަދާލަތު މިއަދު މިވަނީ ނެތިގޮސްފައެވެ. އަދި މިކަންތައް ހުއްޓުވުމަށްޓަކައި ރައްޔިތުންނާ ގާތުން ވެރިކަން ކުރަމުން އަންނަ އަދުގެ އޯގާތެރި ސަރުކާރުން މިގަވާއިދަށް އިޞްލާޙް ގެނެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ކުރި މަސައްކަތް މިވަނީ އަލުން އަބުރާ ގެންގޮސްފައެވެ.
އަދާލަތު ޕާޓީ އާއި މަދަނީ ޖަމިއްޔާ ތަކާއި ގިނަ އަދަދެއްގެ ބައެއްގެ ދެކޮޅު ހެދުމުގެ ސަބަބުން، އެފާރާތްތަކުގެ އިލްތިމާސް ތަކަށް އިޖާބަދީ ދިވެހި ރައްޔިތުން އެދޭގޮތަށް އެގަވާއިދު އަލުން އަނބުރާ ގެންގޮސްފައިވުމުން ދޭހަކޮށްދެނީ އަދުގެ ސަރުކާރަކީ ހުރިހާ މާނައެއްގައި ވެސް ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ ވެރިކަމެއް ކުރަމުން އަންނަ ސަރުކާރެއް ކަމެވެ. އަދި އެކަމަށްޓަކައި އަދުގެ ސަރުކާރަށް މަރުހަބާ ދަންނަވަމެވެ.
ނަމަވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ބައެއް ފަރާތްތަކާއިމެދު ޙުކުމް ކުރެއްވުމުގައި ފުލުހުންގެ ބުރަމަސައްކަތުން ހޯދާފައިވާ ފޮރެންސިކް އެތައް ހެއްކަކާ ދެކޮޅަށް ޙުކުމްކޮށް އަދުލު އިންސާފު ގާއިމްކުރުމުގައި އިހުމާލުވަމުންދާ ކަމީ މިޕާޓީން ނުހަނު ހިތާމަކުރާ ކަމެކެވެ. އެގޮތުން މިއަދު ނިމިގެން މިދިޔަ ގަޟިއްޔާ ނިމިގެންދިޔަ ގޮތާމެދު ވެސް މިޕާޓީން ނުހަނު ކަންބޮޑުވެއެވެ. އަދިހަމަ އެހެންމެ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ނިޔަތުގައި އެފަދަ ފަރާތްތަކަށް ވަލުދޮރާށި ހުޅުވައިދިނުމަށް ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއިން މަސައްކަތްކުރަމުން ދިޔުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި، ހެޔޮވެރިކަމެއް ކުރުމަށް އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ގަސްދުގައި ހުރަސް އެޅުން ކަމުގައި މިޕާޓީން ދެކެމެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ދެކޮޅަށް ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޖަމާޢަތްތަކާއި، މަދަނީ ޖަމިއްޔާތަކުން އުފުލި އަޑުތައް މަސްތުވާ ހިކިބާވަތްތައް ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް ހިތްވަރުލިބޭ ފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު އުފުލުމުގައި އިޙްމާލުވެފައިވާކަން މިޕާޓީއިން ހިތާމަޔާއެކު ފާހަގަކުރަމެވެ. ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގައި އަދުލު އިންސާފުގެ ދާއިރާއިން ތަކުރާރުކޮށް އިޙްމާލުވަމުންދާތީ، އެފަރާތްތަކާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް އަދާލަތު ޕާޓީއާއި، މަދަނީ ޖަމިއްޔާތަކާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިޕާޓީގެ ފަރާތުން އިލްތިމާސް ކުރަމެވެ. އަދި މިފަދަ މައްސަލަތައް ހައިކޯޓުގައި އިސްތިޢުނާފްކޮށްދެއްވައި، މިފަދަ މައްސަލަތަކުގައި އިންސާފްވެރި ފައިސަލާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކޮށްދެއްވައި މިމަސައްކަތްތައް ވިހާވެސް ހަލުވި މިނެއްގައި ގެންގޮސް ދެއްވުމަށް ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް