ނޫސްބަޔާން:މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ އިތުބާރު އޮތް ކަމަށް ނިންމަވާފައިވާތީ އެމްޑީޕީން މަރުހަބާކިޔުން

ވަގުތުން ނެރުމަށް
MDP-2010-PR-0032ނަންބަރު:
ތާރީޚް: 22 ނޮވެމްބަރ 2010 (ހޯމަ)

mdp-logo11

މިއަދު 22 ނޮވެމްބަރ 2010 ގައި ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ ރުހުމާއި ގުޅޭ ގޮތުން ނިންމި ނިންމުމުގައި އެ ވޯޓުން ދައުލަތުގެ ހުރިހާ ވަޒީރުންނަށް އިތުބާރުއޮތް އޮތްކަމަށް ނިންމަވާފައިވާތީ މިކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން މަރުހަބާ ކިޔަމެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމާއި ގުޅޭ ގޮތުން 4 ކަމެއް ފާހަގަކުރެވެއެވެ.
މި ވޯޓު މި ނެގީ މަޖިލީހުގެ ޤަވާޢިދާއި ޚިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެއް ޕާޓީއެއްގައި އެންމެ ގިނަ ދާއިރާ ތަމްސީލްކުރާ ޕާޓީ ކަމަށްވާ އެމްޑީޕީ، އެކަމާއި އިޙްތިޖާޖް ކުރުމުގެ ގޮތުން މަޖިލިސް ދޫކޮށް ގޮސްފައި ވަނިކޮށް މިވޯޓު ނަގާފައިވާތީ، މިއީ ރައްޔިތުންގެ މަޖިލީހުގެ ސައްޙަ ނިންމުމެއް ކަމާއިމެދު ސުވާލު އުފެދެއެވެ.
ރާއްޖޭގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެއް ކަމަށް ވާއިރު ބާރުތައް ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ވަޒީރުން އައްޔަންކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ސަރުކާރު ހިންގާ ފަރާތް ކަމަށްވާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް ލިބިދީފައިވާ ހިނދު، އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގުމަށް ދަތިކޮށް، ފުރައްސާރަ ކުރުމުގެ ގޮތުން އެމްޑީޕީ އިއްތިޙާދުގެ ޤާބިލް ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމީ ޑިމޮކްރެޓިކް ނިޒާމެއްގައި ހިމެނޭ ޒިންމާދާރު އިދިކޮޅު ފަރާތަކުން ކޮށްގެންވާނޭ ކަމެއް ނޫން ކަމާއި، އަދި މިއީ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފް ކަމެއް ކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުން މިނިންމި ނިންމުން ވެގެންދާނީ މިފަދަ ކަންކަމުގައި ކުރިޔަށް އޮތްތާނގައިވެސް އަމަލުކުރާނޭ ގޮތުގެ ބިންގާ ކަމަށް ބަލައި، އިދިކޮޅު ފަރާތްތަކުން މިނިންމި ނިންމުން ކުށްވެރިކޮށް އެކަމާ މިޕާޓީން ހިތާމަކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޑީއާރުޕީ/ޕީއޭ އަށް ލިބިފައިވަނީ 49109 ވޯޓު ކަމަށްވީ ހިނދު، އަދި އެމްޑީޕީއަށް 51،176 ވޯޓު ލިބިފައިވީ ހިނދު، އަދި މަޖިލީހުގެ އިންތިޚާބަށްފަހު ވެސް އެމްޑީޕީގެ މެންބަރުން އެތައް ގުނައަކަށް އިތުރުވެފައިވީ ހިނދު، އަދި މީގެ އެންމެ ބޮޑު އެއް ސަބަބަކީ، ސަރުކާރުގެ މަޤްބޫލުކަން ރައްޔިތުންގެ ކުރިމަތީގައި އިތުރުވަމުންދިއުން ކަމަށް ބެލެވޭ ހިނދު، އަމިއްލަ އެދުން އިސްކޮށް، މުޅިރައްޔިތުންގެ ވިންދަށް ބެލުމެއް ނެތި، އިދިކޮޅު ފަރާތްތަކުން މިނިންމި ނިންމުމަކީ، އިދިކޮޅު ފަރާތްތަކުގެ ނޭއްގާނީކަން ރައްޔިތުންނަށް ސާބިތުކޮށްދޭ ކަމެއް ކަމުގައި ނޫނީ ބެލެވެން ނެތުމާއި، އިދިކޮޅު ފަރާތްތަކުގެ މިފަދަ ނޭއްގާނީ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއިމެދު ރައްޔިތުންގެ ހިތުގައި ދެވިފައިވާ ޢިއްޒަތާއި ޤަދަރު ދުވަހެއް ދުވަހަކަށް ކުޑަވެ، ޤާނޫނު އަސާސީން ރައްޔިތުން އުންމީދުކުރި ފަދަ ޑިމޮކްރަސީއެއް ރާއްޖޭގައި ޤާއިމްކުރެވޭ ގޮތް ނުވުމެވެ.
ވަޒީރުން މަޤާމުން ވަކިކުރެވޭނޭގޮތް ޤާނޫނު އަސާސީގައި ވަރަށް ސަރީހަ ބަހުން ލިޔެވިފައިވީ ހިނދު، އަދި މި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުން ބަޔާންކޮށްފައިނުވާ ހިނދު، އަދި ހަމަ އެހެންމެ، ޤާނޫނު އަސާސީގައި ވަޒީރަކާއިމެދު އިތުބާރުނެތް ކަމަށް ބެލެވޭނީ މުޅި މަޖިލީހުގެ އަޣްލަބިއްޔަތުން ވަޒީރަކަށް އިތުބާރުނެތްކަން ފާސްކުރުން ކަމަށްވީ ހިނދު، އަދި އެކަމަށް ބޭނުންވާ ވޯޓުގެ އަދަދަކީ މިވަގުތު 39 ވޯޓު ކަމަށްވީ ހިނދު، މިއަދު ވަޒީރުންނާއިމެދު މަޖިލީހުގައި އެނިންމެވި ނިންމެވުމުގައި، އެއްވެސް ބޭފުޅަކާއި ދެކޮޅަށް 39 ވޯޓު ލިބިފައިނުވާ ކަން ފާހަގަކޮށް، މިހާރު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން އެބޭފުޅުންގެ މަޤާމުގައި ރައްޔިތުންނަށް އެދެއްވަވާ ޚިދުމަތުގައި ދެމިތިއްބެވުމީ އެމްޑީޕީ އެދޭގޮތްކަން ހާމަކޮށް، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އިތުބާރު ވަޒީރުންނާއި މެދު އޮތަތީ ހުރިހާ ވަޒީރުންނަށް މަރުހަބާ ދަންނަވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް