އެމްޑީޕީގެ ޕްރައިމަރީތައް މިއަދާއި މިރޭ ވެސް އޮންނާނެ

22 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު ވޯޓުލައްވަނީ
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު ވޯޓުލައްވަނީ

ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭ ސިޓީގެ 7 ދާއިރާއަކާއި އައްޑޫ ސިޓީގެ 6 ދާއިރާއެއްގެ އެމްޑީޕީ ޕްރައިމަރީގެ އިތުރުން ތިނަދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ޕްރައިމަރީގެ ބައި އިލެކްޝަން އާއި، 6 ރަށެއްގެ ރަށު ކައުންސިލް އެމްޑީޕީ ޕްރައިމަރީ މިއަދު ހަވީރު 4 ކުން ރޭގަނޑު 10 އަށް އަމީނީމަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި އޮންނާނެއެވެ.

މާލޭސިޓީން ޕްރައިމަރީތައް ބާއްވާ 7 ދާއިރާއަކީ ހުޅުހެންވޭރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ދެކުނު ދާއިރާ އަދި ވިލިމާފަންނު ދާއިރާއެވެ. މި ޕްރައިމަރީތައް ހިނގަމުންދާއިރު، ތިނަދޫ ދާއިރާގެ އަތޮޅު ކައުންސިލް ޕްރައިމަރީގެ ބައި އިލެކްޝަން ވެސް އެމްޑީޕީ ހަރުގޭގައި އޮންނާނެއެވެ.
އައްޑޫ ސިޓީގެ 6 ދާއިރާއަކާއި، ވ.ރަކީދޫ، މ.ކޮޅުފުށި، ތ.ވިލުފުށި، ލ.ގަމާއި މާވަށް އަދި ގދ.ހޯނޑެއްދޫ ގައި ވެސް މިއަދު ހަވީރު 4.00 އިން ފެށިގެން ރޭގަނޑު 10.00 އަށް ޕްރައިމަރީ އޮންނާނެއެވެ. ލ.ގަމާއި، މާވަށް ފިޔަވައި އެހެން ރަށްރަށުގެ ވޯޓުފޮށިތައް މާލެގައި ވެސް ބެހެއްޓުމަށް ނިންމާފައިވާއިރު އައްޑޫސިޓީ ކައުންސިލްގެ ޕްރައިމަރީއާއި ރަށުކައުންސިލްތަކުގެ ވޯޓުލުން ކުރިޔަށްދާނީ ޣިޔާސުއްދީން ސްކޫލުގައި ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
އައްޑޫސިޓީން މިއަދުޕްރައިމަރީތައް ބާއްވާނީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާއާއި ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާއެވެ.
މިވޯޓުލުމުގައި ބައިވެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ އެރަށެއްގެ ނުވަތަ އެދާއިރާއެއްގެ އެމްޑީޕީގެ މެމްބަރުންނަށެވެ.
މިހާތަނަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ނިންމާފައިވަނީ ހއ އަތޮޅުން އިހަވަންދޫ،ކެލާ އަދި ތަކަންދޫ އެވެ. ހދ. އަތޮޅުން ހަނިމާދޫ، ހަނިމާދޫ ދާއިރާ، ނެއްލައިދޫ، ކުރިނބި، ވައިކަރަދޫ އަދި ކުޅުދުއްފުށްޓެވެ. ށ. އަތޮޅުންކަނޑިތީމު އަދި ނޫމަރާ އެވެ. ނ. އަތޮޅުން ލަންދޫ، މާފަރު، މަނަދޫ އަދި ކެނދިކުޅުދޫ ދާއިރާ އެވެ. ރ އަތޮޅުން އުނގޫފާރު، ހުޅުދުއްފާރު އަދި އުނގޫފާރު ދާއިރާ އެވެ. ބ. އަތޮޅުން ތުޅާދޫ، ތުޅާދޫ ދާއިރާ، އަދި ގޮއިދޫ އެވެ. އއ. އަތޮޅުން އުކުޅަސް އަދި މާޅޮސްގައެވެ. ތ. ކަނޑޫދޫ އާއި ލ.ގަން ދާއިރާގައިވެސް ޕްރައިމަރީ ބާއްވާ ނިމިފައިވާއިރު ހުވަދުއަތޮޅުން ގއ.ކޮލަމާފުށި، ދާންދޫ، ދެއްވަދޫ އަދިގދ. ތިނަދޫ، ތިނަދޫ ދާއިރާ، ރަތަފަންދޫ، މަޑަވެލި، މަޑަވެލި ދާއިރާ، ގައްދޫ، ގައްދޫ ދާއިރާ، ފަރެސްމާތޮޑާ އާއި ފަރެސްމާތޮޑާ ދާއިރާއިންވެސް ވަނީ ޕްރައިމަރީތައް ބާއްވާފައެވެ.
ތިނަދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އެދާއިރާއިން ނިންމާފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ތިނަދޫ ދާއިރާގެ އަތޮޅު ކައުންސިލް ޕްރައިމަރީގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި 2 ބޭފުޅުންނަށް އެއްވަރަކަށް ވޯޓު ލިބިލައްވާފައިވުމާ ގުޅިގެންނެވެ.