25 ފެބްރުއަރީ 2010
ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައި އެމްޑީޕީ ވެފައި މިވަނީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ކަމުގައި އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދެއްކުމާއި ގުޅިގެން އެމްޑީޕީގެ މީޑިއާ ޔުނިޓަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ” ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީވުން ރަމްޒުކޮށްދެނީ މިސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ މަންފާ ރައްޔިތުންނަށް ލިބެންފެށުން. އަދި ހަމަ އެހެންމެ މިސަރުކާރަކީ ޤާބިލް ސަރުކާރެއްކަމުގައި ރައްޔިތުން ގަބޫލުކުރާކަން ” ކަމުގައެވެ. އަދި މިއީ ” އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ކުރިން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ދިވެހިރައްޔިތުންގެ ޕާޓީ ފަހަތަށް ޖައްސާލުމަށް ފަހު އެމްޑީޕީން ކުރި ހޯދާފައި މިވަނީ މިދިޔަ އޮކްޓޫބަރު މަހު ފެށި އެޕާޓީގެ ކާމިޔާބު މެންބަރޝިޕް ޑްރައިވްގެ ސަބަބުންނެވެ. އެމެންބަރޝިޕް ޑްރައިވް ގައި އެކަނިވެސް އެމްޑީޕީއާ އަލަށް ދިހަ ހާހެއްހާ މެންބަރުން ގުޅިފައިވެއެވެ. އެމްޑީޕީގެ ސެކްރެޓޭރިއަޓް އާއި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ހަސަން ޝާހު އާއި ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދުގެ އިރުޝާދުގެ ދަށުން ރަށްރަށުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ގެންދަވަނީ ޕާޓީގެ މެމްބަރޝިޕް އިތުރުކުރެއްވުމަށް ވަރަށް ބުރަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ، އަދި ގިނަ ބަޔަކު ގަބޫލުކުރާގޮތުން ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމާގުޅިގެން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު އާއި، ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދު (ސާބެ) ގެ އިތުރުން، ރެޖިސްޓްރޭޝަން ގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށާއި އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވަނީ ވަނީ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ރެޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ ސައްޙަ މެންބަރުންގެ އަދަދަކީ 31،171 އެވެ.