22 ނޮވެމްބަރ 2010
ރާއްޖެއަށް އިޖްތިމާޢީ އެކިދާއިރާތަކުން، ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ޓު މުސްލިމް ކޮމިއުނިޓީޒް ފަރަހް ޕަންޑިތާ ބައްދަލުކުރައްވައި އިއްޔެ މެންދުރުފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އެކި ރޮނގު ރޮނގުން، ޚާއްޞަ ގޮތެއްގައި އިޖްތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީ އިޖްތިމާޢީ މައްސަލަތަކަށް ހައްލު ހޯދުމުގަމުގަޔާއި، މަދަނީ މުޖްތަމަޢުގެ ދައުރު ފުޅާކުރުމުގައި، އެފަދަ ޖަމްޢިއްޔާތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަގައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ދުނިޔޭގެ މުސްލިމް ޤައުމުތަކަށް ޚާއްޞަކޮށް ކަނޑައެޅި ފުރަތަމަ މަންދޫބު ކަމަށްވާ މިސް ފަރަހް ޕަންޑިތު ދެއްކެވި ވާހަކަފުޅުގައި، އެމެރިކާގެ ރައީސްގެ އިސްނެންގެވުމުގެ މަތިން، މުސްލިމް ޤައުމުތަކާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަސައްކަތްޕުޅުގައި، ރާއްޖޭގެ ބައިވެރިވުންވެސް ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތަފާތު އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި، މަދަނީ މުޖްތަމަޢްގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، މަދަނީ ޖަމާޢަތްތަކުގެ ޤާބިލްކަން އިތުރުކުރެއްވުމަށް، އެމެރިކާގެ މިފަދަ ޖަމާޢަތްތަކާއި ރާއްޖޭގެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުމުގެ މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.