22 ނޮވެމްބަރ 2010
ރާއްޖޭގައި ހިންގާ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާގުޅޫ މަޝްރޫޢުތަކަށް އެހީތެރިވެދެއްވާނެކަން ޑެންމާކު ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ޑެންމާކުގެ މިނިސްޓަރ ފޮރ ކްލައިމެޓް އެންޑް އެނަރޖީ އަދި މިނިސްޓަރ ފޮރ ޖެންޑަރ އީކުއާލިޓީއާއި، މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑެންމާކުގެ ޑިވެލޮޕްމަންޓް މިނިސްޓަރެވެ.
މިނިސްޓަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުން މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކަށް އަވަސް ޙައްލެއް ހޯދުމުގެ މުހިންމުކަން އިތުރަށް އިޙްސާސް ކުރެއްވޭ ކަމަށާއި، އެބޭފުޅުން އެނބުރި ޤައުމަށް ވަޑައިގެން މި މެސެޖް ޑެންމާކް ސަރުކާރަށް ރައްދުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެކުރިންވެސް ޑެންމާކުން ރާއްޖެއަށް އެކިއެކި ދާއިރާތަކުގައި އެހީ ދެއްވާފައި ކަމަށާއި، އަދި ޑެންމާކުގެ ކުންފުނިތަކުންވެސް ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ހިންގާފައިވާ ކަމުގައި ވިދާޅުވިއެވެ.
ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާވަނީ ޑެންމާކު ސަރުކާރުގެ ދެ ވަޒީރުންނާއި އަދި އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެކިއެކި ދާއިރާތަކުގައި މަޝްވަރާކުރައްވާފައެވެ. މަޝްވަރާތައް ބިނާކުރެއްވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުންނާއި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ހަރުދަނާކުރުމުގެ މައްޗަށެވެ. މި ދާއިރާތަކުގައި ރާއްޖޭގެ ހާލަތާބެހޭގޮތުން ޑެންމާކުގެ ވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި މި ދާއިރާތައް ތަރައްޤީކުރުމަށް ޑެންމާކުގެ އެހީ ހޯއްދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް އެބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެހީތެރިވެދެއްވިދާނެ ކަންކަމާބެހޭގޮތުން ވަފްދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މަޢްލޫމާތު އޮޅުންފިލުއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި، ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޑެންމާކުގެ ވަފްދުގެ ބޭފުޅުން ތަހުނިޔާ ވިދާޅުވިއެވެ.