ދެ ސިޓީ އާއި ހަ ރަށެއްގެ އެމްޑީޕީ ޕްރައިމަރީ ހޯމަ ދުވަހު ބާއްވަނީ

އައްޑޫ ސިޓީގެ ޕްރައިމަރީއާއި އެހެން އަތޮޅުތަކުގެ ރަށްރަށުގެ ޕްރައިމަރީ އޮންނާނީ ޣިޔާސުއްދީން ސްކޫލްގައި. ނަމަވެސް ތިނަދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އެމްޑީޕީ ހަރުގޭގައި

ޢަބްދުﷲ ޖުނައިދު

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ 7 ޕްރައިމަރީއެއް ހޯމަދުވަހު އޮންނާނެއެވެ.
ހަވީރު 4 ކުން ރޭގަނޑު 10 ޖެހުމާ ހަމަޔަށް އަމީނީމަގުގައި ހުންނަ ޕާޓީގެމައި ހަރުގޭގައި އޮންނާނީ މާލޭ ސިޓީ ޕްރައިމަރީތަކުގެ ވޯޓުލުމެވެ.
މާލެސިޓީން ޕްރައިމަރީތައް ބާއްވާ 7 ދާއިރާއަކީ ހުޅުހެންވޭރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ދެކުނު ދާއިރާ އަދި ވިލިމާފަންނު ދާއިރާއެވެ.
އައްޑޫ ސިޓީއާއި، ވ.ރަކީދޫ، މ.ކޮޅުފުށި، ތ.ވިލުފުށި އަދި ލ.ގަމާއި މާވަށް، ގދ.ހޯނޑެއްދޫ ޕްރައިމަރީބާއްވާނީ ޣިޔާސުއްދީން ސްކޫލްގައެވެ.
އައްޑޫއިން ޕްރައިމަރީތައް އޮންނާނީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާއާއި ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާއެވެ.
މިވޯޓުލުމުގައި ބައިވެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ އެރަށެއްގެ ނުވަތަ އެދާއިރާއެއްގެ އެމްޑީޕީގެ މެމްބަރުންނަށެވެ.
މިހާތަނަށް ޕްރައިމަރީ ބާއްވާ ނިންމާފައިވަނީ ހއ އަތޮޅުން އިހަވަންދޫ،ކެލާ އަދި ތަކަންދޫ އެވެ. ހދ. އަތޮޅުން ހަނިމާދޫ، ހަނިމާދޫ ދާއިރާ، ނެއްލައިދޫ، ކުރިނބި، ވައިކަރަދޫ އަދި ކުޅުދުއްފުށްޓެވެ. ށ. އަތޮޅުންކަނޑިތީމު އަދި ނޫމަރާ އެވެ. ނ. އަތޮޅުން ލަންދޫ، މާފަރު، މަނަދޫ އަދި ކެނދިކުޅުދޫ ދާއިރާ އެވެ. ރ އަތޮޅުން އުނގޫފާރު، ހުޅުދުއްފާރު އަދި އުނގޫފާރު ދާއިރާ އެވެ. ބ. އަތޮޅުން ތުޅާދޫ، ތުޅާދޫ ދާއިރާ، އަދި ގޮއިދޫ އެވެ. އއ. އަތޮޅުން އުކުޅަސް އަދި މާޅޮސްގައެވެ. ތ. ކަނޑޫދޫ އާއި ލ.ގަން ދާއިރާގައިވެސް ޕްރައިމަރީ ބާއްވާ ނިމިފައިވާއިރު ހުވަދުއަތޮޅުން ގއ.ކޮލަމާފުށި، ދާންދޫ، ދެއްވަދޫ އަދިގދ. ތިނަދޫ، ތިނަދޫ ދާއިރާ، ރަތަފަންދޫ، މަޑަވެލި، މަޑަވެލި ދާއިރާ، ގައްދޫ، ގައްދޫ ދާއިރާ، ފަރެސްމާތޮޑާ އާއި ފަރެސްމާތޮޑާ ދާއިރާއިންވެސް ވަނީ ޕްރައިމަރީތައް ބާއްވާފައެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު ބޭއްވި ތިނަދޫ ދާއިރާގެ އަތޮޅު ކައުންސިލް ޕްރައިމަރީގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި 2 ބޭފުޅުންނަށް އެއްވަރަކަށް ވޯޓު ލިބިލައްވާފައިވުމާއެކު އެދާއިރާގެ އަތޮޅު ކައުންސިލް ބައި އިލެކްޝަން މާދަމާ އެމްޑީޕީ ހަރުގޭގައި އޮންނާނޭ ކަމަށް ތިނަދޫ ދާއިރާއިން ވަނީ އިޢުލާންކޮށްފައެވެ. .