މ.އޮމަދޫ އަލީ ޢަބްދުﷲ އަވަހާރަވުން: އެމްޑީޕީގެ ޗެއަރޕާސަންގެ ހުޅުވާލެވިފައިވާ ސިޓީއެއް

21 ނޮވެމްބަރ 2010

“ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ “

މ.އޮމަދޫ ޢަލީ ޢަބްދުﷲ، 19 ނޮވެމްބަރ 2010 ވީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ކުރެއްވުމަކީ އެ މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، އެތަކެއް ދިވެހިރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެހާ މެންބަރުންނަށް ވަރަށް ފުން ހިތާމައެއް ކުރިމަތިކުރުވި ކަމެކެވެ.
މަރުޙޫމް އަލީ ޢަބްދުﷲ އަކީ، ދުނިޔަވީ ހަޔާތް ހެޔޮގޮތުގައި ހޭދަކުރެއްވި ލާމަސީލު ދިވެހި ޝަޚްޞިއްޔަތެކެވެ. ރައްޔިތުންގެ މިނިވަންކަމާ ޙައްޤުތަކުގެ ހޫނު ވިންދު އެހިތްޕުޅުގައި އަބަދުމެ ޖަހަޖަހާ ހުރި ދިވެހި ދަރިއެކެވެ. ރާއްޖޭގައި ރެދަލިވެ ގޮސްފައިވާ ރިޔާސަތުތަކުން، ރައްޔިތުންގެ މިނިވަންކަމާ ޙައްޤުތަކަށް އުރެދޭކަމަށް ފެނިވަޑައިގަތް ކަންކަމުގައި ސިއްރާއި ފައުޅުގައިވެސް ޢަލީ ޢަބްދުﷲ ދެމިހުންނެވީ ސީދާ ރައްޔިތުންގެ ފަޅީގައެވެ. ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ހެޔޮވެރިކަމެއް ގެނެސްގަތުމަށް، އެމްޑީޕީ ކުރި ނުރައްކާތެރި، މިންނެތް ބުރަ މަސައްކަތް ކާމިޔާބުވުމުގައި، އެމަރުޙޫމް ޤުރުބާންކުރެއްވި އެންމެ އަގުހުރި އެއްޗަކީ އެހަށިކޮޅާ ސީދާ ގުޅިފައިވާ ޒާތީ ޖަޒްބާތުތަކެވެ. 2004 އޮގަސްޓް 12، 13 ގެ އަނިޔާވެރިކާމާ ވޭން، ސީދާ އެހަށިކޮޅުން އުފުއްލެވިއެވެ.
އެންމެ ކެރޭ މީހުން ފަސްޖެހުނު ދުވަސްވަރުގައިވެސް އެމްޑީޕީގެ ކޮންމެ އާންމު ޖަލްސާއަކަށް ވަޑައިގަތުމަށް ތުރުކުރައްވާ ރަންރީނދޫ ހެނދުންކޮޅުގެ މަތިން މިއަދު ހަނދާންކޮށްފި މި ޕާޓީގެ ކޮންމެ މެންބަރެއްގެ ލޯ މިއަދު ކަރުނުން ފޯދިދާހާ ޒިކުރާތައް އެމަރުޙޫމް ވަނީ މި ޕާޓީއަށް ދޫކުރައްވާފައެވެ.
ވިޔަފާރިއާއި އުފެއްދުންތެރިކަމުގައި ކުރިއަރާދާ އެތައް ބައެއްގެ ޚިދުމަތް އަބަދުވެސް މުޖުތަމަޢަށް ލިބެމުން ދެއެވެ. އެހެން ނަމަވެސް މަރުޙޫމް ޢަލީ ޢަބްދުﷲ އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށާއި، ދިވެހިރާއްޖެއަށް ގެއްލިގެންދިޔަ އެފަދަ ދެވަނައެއް ނުވާ ޝަޚްޞިއްޔަތެކެވެ.
މަރުޙޫމް ޢަލީ ޢަބްދުﷲ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދެމެވެ. އަދި އެއާއިލާ ބަރުދާސްތުކުރަމުންދާ ފުންހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ފުރިހަމައަށް ބައިވެރިވަމެވެ.
އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.
21 ނޮވެމްބަރު 2010

ޚާދިމްތުކުމް

އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ
ޗެއަރޕާސަން