20 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް ނިއުސަން، މުހައްމަދު ސައީދު (ވާދީ ސައީދު)ގެ ދޯނި ތިން މީހުނާ އެކު ރޭ ފަތިހު ބޮޑުކަންނެއްޔަށް ނުކުމެ އުޅެނިކޮށް ގެއްލުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ހަމްދަރުދީ ފާޅުކުރައްވައި އެފަރާތަށް ހެޔޮއެދުން ފޮނުއްވައިފިއެވެ.
ޗެއަރޕާސަން ވިދާޅުވީ ” އަޅުގަނޑުމެންގެ ދުޢާއަކީ ވީހާވެސް އަވަހަށް މިދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ހެޔޮހާލުގައި ތިއްބާ ފެނުން. ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ދެރަޔަކީ ހަމަ އަޅުގަނޑުމެންނަށް ލިބޭ ދެރައެއް ކަމަށް އަޅުގަނޑުމެން ބަލަންޖެހޭނީ. ޚާއްސަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަދި ޕާޓީގެ އިސް ހަރަކާތްތެރިއެއްގެ ދޯނި ގެއްލުމަކީ އަޅުގަނޑު ޗެއަރޕާސަންގެ ހައިސިއްޔަތުން ނުހަނު ދެރަވެ، ހިތާމަކުރާ ކަމެއް. އަދި ވީހާވެސް އަވަހަށް މި ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ފެންނާނޭ ކަމަށް އުއްމީދުކޮށް، ހެޔޮ ރަޙްމަތްލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯސްޓްގާޑުން ވެސް މިހާރުވަނީ މިދޯނި ހޯދުމުގެ މަސައްކަތް ފަށާފައި،”
45 ފޫޓުގެ “ނޫމަސް” ކިޔާ މި ދޯނި، ތިން މީހުންނާ އެކު ބޮޑު ކަންނެއްޔަށް ދިޔައީ ރޭ ފަތިހު ކަމަށާއި އެ ދޯންޏާ އެކު މަހަށް ނުކުތް އެހެން ދޯނި ފަހަރު އެނބުރި ރަށަށް އައިއިރު އެ ދޯނީގެ ހަބަރެއް ނުވާތީ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި ގުޅިގެން އެރަށު ރައްޔިތުން ފަށާފައިވާ ކަމަށް އެރަށުން މަޢުލޫމާތުދެއެވެ.
ރީނދޫ ކުލަ ލާފައި އޮންނަ މި ދޯނި އެންމެ ފަހުން ފެނިފައިވަނީ ފުވައްމުލަކާ 16 މޭލު ބޭރުގައި އޮންނަ ބޮއެއް ކައިރިން އެކުގައި ކަންނެލި ބާނަން ތިބި އެހެން ދޯނިތަކަށް ކަމަށް އެރަށުން މަޢުލޫމާތު ދެއެވެ.
މާރިޔާ މި ދޯނީގެ ވެރިފަރާތާއި ފޯނުން ގުޅުއްވައި އެ ހިތާމާއިގައި ބައިވެރިވެވަޑައިގެން، ހެޔޮ އެދުން ފާޅުކުރައްވާފައިވާއިރު، އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާގެ ރައީސް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާޤް މުފީދު ވެސް ވަނީ މި ދޯނި ގެއްލުމުން ހިތާމަކުރައްވާ ކަމަށާއި، ދޯނީގެ ވެރިފަރާތަށާއި އެދޯނިން ދަތުރުކުރި މީހުންނަށް ހެޔޮރަޙްމަތް ލެއްވުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މިދޯނީގައި މަހަށް ދިޔައީ އެރަށު ނިއުލައިފު މުހުތާރާއި، ގޯނބިލިމާގޭ އަލިފުތު އަދި އަބްދުﷲ ހަސަން ކިޔާ މީހެކެވެ.