20 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން އޮފީހުގެ ގޮތުގައި ބޭނުންކުރަމުންދާ މ.ރެޑްގްރާސް އަށް ރޭ ދަންވަރު ބަޔަކު ވަދެ އެއޮފީހުގައި ހުރި މާލޭ ސިޓީގެ ދާއިރާތަކުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ބެހޭ ލިޔެކިޔުންތަކާއި އެއޮފީހުގެ ސްޓާފެއްގެ ލެޕްޓޮޕް ވަގަށް ނަގައިފިއެވެ.
އެމްޑީޕީގެ މާލޭ ސިޓީގެ ކޯޑިނޭޓަރ މާލިމީ އިބްރާޙީމް އަޙުމަދު ވިދާޅުވީ އެއޮފީހަށް ބަޔަކު ވަދެފައިވަނީ ކުޑަދޮރަކުން ކަމަށް ލަފާކުރެވޭ ކަމަށާއި، މާލޭ ދާއިރާގެ ލިޔެކިޔުންތައް ފިޔަވައި އެހެން އެއްވެސް ލިޔެކިޔުމެއް ގެންގޮސްފައިވާ ކަން އަދި މިހާތަނަށް އެނގިފައިނުވާކަމަށެވެ.
“އެހެން ދާއިރާތަކުގެ ލިޔެކިޔުންތައް ހަމަޔަށް ހުރިތޯ މިހާރު މިދަނީ ބަލަމުން. ބޮޑަށް ލަފާކުރެވެނީ މި އަމަލެއް ހިންގާފައި މިވަނީ މާލޭ ދާއިރާއަށް އަމާޒުކޮށްގެން ކަމަށް. މިހެން ދިމާވި ޔަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކެމްޕެއިން ހަމަ އެއްވެސް މަޑު ޖެހުމެއް ނެތި ކުރިޔަށް ގެންދާނަން. މިކަމުގެ ސަބަބުން ޙަޤީޤަތުގަ ކެމްޕެއިން ވަރުގަދަކުރުމަށް އިތުރު ހިއްވަރެއް މި ލިބުނީ.”މާލިމީ ވިދާޅުވިއެވެ.
މާލިމީ އިތުރަށް ވިދާޅުވީ މިމައްސަލަ މިހާރު ފުލުހުން ބައްލަވަމުން ގެންދަވާ ކަމަށާއި، މިގޮތަށް ދިމާވި ނަމަވެސް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ ދާއިރާތަކުގެ ޕްރައިމަރީ ރޭވިފައިވާ ގޮތަށް ކުރިޔަށްދާނޭ ކަމަށެވެ.
މާފަންނު ރިޔާޒީ ހިނގުމުގައި ހުންނަ ރެޑްގްރާސް އަކީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވެސް ކެމްޕެއިން އޮފީހުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތެވެ.