ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީގެ ލޮބުވެތި ބައްޕަ މާފަންނު ޔާގޫތުގޭ ޢަލީ ޢަބްދުﷲ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަނބިކަނބަލުން، ލައިލާ ޢަލީގެ ލޮބުވެތި ބައްޕާފުޅު މާފަންނު އޮމަދޫ ޢަލީ ޢަބްދުﷲ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޢަލީ ޢަބްދުﷲ އަވަހާރަވީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައި ރޭ މެންދަމުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 69 އަހަރެވެ.

އަލްމަރްޙޫމް ޢަލީ ޢަބްދުﷲ އަކީ، މީގެކުރިން ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، އަތިރީ މާފަންނުގޭ ވިޔަފާރި މެނޭޖަރ ކަމާއި، މޯލްޑިވިއަން ގަވަރންމަންޓް ބޮޑު އިސްޓޯރުގެ ވިޔަފާރި މެނޭޖަރ ކަމާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކާބެހޭ މުޝީރުކަމުގެ މަގާމު ހިމެނެއެވެ.

އަލްމަރްޙޫމް ޢަލީ ޢަބްދުﷲ އަކީ، ރާއްޖޭގައި ވަޑާމުގެ މަސައްކަތް ޒަމާނާ އެއްގޮތަށް ކުރިއަށް ގެންދެވުމުގައި ވަރަށް މުހިންމު ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ފަރުނީޗަރ ޖެހުމާއި، ޢިމާރާތްކުރުމުގެ މަސައްކަތް މަތީ ފެންވަރަކަށް ގެންދަވައި، ވަޑާމަށް ބޭނުންކުރާ ތަފާތު މެޝިނަރީތަކުގެ މަސައްކަތް އެތައް ބަޔަކަށްވަނީ ދަސްކޮށްދެއްވާފައެވެ. އަދި ވަޑާމުގެ މަސައްކަތަކީ، އަގުހުރި މަސައްކަތެއްކަން މުޖްތަމަޢުގައި ވަޒަން ކުރެވޭވަރަށް އެމަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ. ޢަލީ ޢަބްދުﷲ ގެ މި ޚިދްމަތުގެ އަގު ވަޒަންކުރައްވައި، ރާއްޖޭގައި ވަޑާމުގެ މަސައްކަތް ތަރައްޤީ ކުރެއްވުމުގެ ރޮނގުން 1980 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުންވަނީ ދެއްވާފައެވެ.

އަލްމަރްހޫމް ޢަލީ ޢަބްދުﷲ ގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ، މިއަދުގެ ހުކުރުނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢުޒަމްގައެވެ.

އަލްމަރްޙޫމް ޢަލީ ޢަބްދުﷲއަށް ލިބިވަޑައިގަތީ 5 ބޭފުޅުންނެވެ. އެއީ، ފިރިހެން 2 ބޭފުޅުންނާއި، އަންހެން 3 ބޭފުޅުންނެވެ.