އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާނޭ ފަރާތްތައް ކަނޑައެޅުމަށް މިއަދު ޕްރައިމަރީތައް ކުރިޔަށްދާނެ

19 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

img_0016

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނޭ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީޒްތަކުގެ ތެރެއިން ގިނަ ރަށްތަކެއްގެ ޕްރައިމަރީޒް މިއަދު މާލެއާއި އަތޮޅުތަކުގައި ކުރިޔަށްދާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު މެންދުރުފަހު 2.00 އިން ރޭގަނޑު 7.00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީޒްތަކުގެ ތެރޭގައި މަތި އުތުރު ޕްރޮވިންސްގެ ހދ.ކުޅުދުއްފުށި، ނެއްލައިދޫ، ކުރިނބި އަދި ވައިކަރަދޫގެ ރަށުކައުންސިލް ޕްރައިމަރީއާއި، ހދ. އަތޮޅު ކައުންސިލް ޕްރައިމަރީ އާއި، އުތުރު ޕްރޮވިންސްގެ މަނަދޫ، ލަންދޫ، މާފަރު ރަށު ކައުންސިލް ޕްރައިމަރީއާއި ކެނދިކުޅުދޫ ދާއިރާގެ ޕްރައިމަރީ، ރ.އަނގޮޅިތީމް، އުނގޫފާރު، ހުޅުދުއްފާރުގެ ރަށު ކައުންސިލް ޕްރައިމަރީއާއި، ބ.ގޮއިދޫ އަދި ތުޅާދޫގެ ރަށުކައުންސިލް ޕްރައިމަރީއާއި، މެދުއުތުރު ޕްރޮވިންސްގެ އއ.އުކުޅަސް، އަދި ވ.ރަކީދޫެ ރަށުކައުންސިލް ޕްރައިމަރީ، މެދު ދެކުނު ޕްރޮވިންސްގެ ލ.ގަމު ދާއިރާގެ ޕްރައިމަރީ އާއި، މަތިދެކުނު ޕްރޮވިންސްގެ ގދ.ތިނަދޫ ރަށު ކައުންސިލް ޕްރައިމަރީއާއި، ތިނަދޫ ދާއިރާގެ ޕްރައިމަރީ އާއި، ގދ.ފަރެސްމާތޮޑާ ރަށު ކައުންސިލް ޕްރައިމަރީއާއި، ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީ، ގދ.ގައްދޫ ރަށު ކައުންސިލް ޕްރައިމަރީ އަދި ގައްދޫ ދާއިރާގެ ޕްރައިމްރީޒް ހިމެނެއެވެ.
މާލޭ ސިޓީ ކައުންސިލްއާއި އައްޑޫ ސިޓީ ކައުންސިލް އަދި ގދ.ހޯނޑެއްދޫ ރަށު ކައުންސިލްގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 22 ވާ ހޯމަ ދުވަހުއެވެ.
މާލޭ ސިޓީގެ 7 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާ ގޮތަށް އެމްޑީޕީން ވަނީ ހަމަޖައްސާފައެވެ. އެއީ ހުޅުހެންވޭރު، މެދު ހެންވޭރު، ހެންވޭރު ދެކުނު، ގަލޮޅުއުތުރު، މައްޗަންގޮޅީ ދެކުނު، އަދި މާފަންނު ދެކުނާއި ވިލިމާފަންނެވެ. މީގެތެރެއިން ވިލިމާފަންނު ފިޔަވައި ކޮންމެ ދާއިރާއަކުން ޕްރައިމަރީޒްގައި ވާދަކުރަނީ 3 ކެންޑިޑޭޓުންނެވެ.
އައްޑޫ ސިޓީން ިޕްރައިމަރީތައް ބާއްވާ ދާއިރާތަކަކީ ހުޅުމީދޫ، މަރަދޫ، ފޭދޫ، ހިތަދޫ އުތުރު، ހިތަދޫ މެދު އަދި ހިތަދޫ ދެކުނެވެ.
މާލޭގައި މިއަދު އޮންނަ ހުރިހާ ޕްރައިމަރީޒް އެއްވެސް ކުރިޔަށްދާނީ އެމްޑީޕީގެ މައި ހަރުގޭގައެވެ.