ޗެއާޕާސަންގެ އިލްތިމާސް

އެމްޑީޕީއަކީ “އެކުވެރި މެމްބަރުންގެ”ޕާޓީއެއް ކަމަށާ ކައައުންސިލް އިންތިޚާބުގެ ކެމްޕޭން އެކުވެރިކަމާ އެއްބައެއްވަންތަކަމާއެކު ކުރިޔަށް ގެންދިޔުމަށް ޗެއަރޕާސަން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ އެކުވެރިކަމާ އެއްބައެއްވަންތަކަމާއެކު ގުޅިލާމެހިފައިވާ އެކަކު އަނެކަކު ދަންނަ ދެކެފަރިތަ އެކުވެރި މެމްބަރުން ތިބި ޕާޓީއެއްކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައިވެސް އެމްޑީޕީގެ ޑިމޮކްރެޓިކް އުޞޫލުތަކާ ތަޢާރުޒުނުވާ ގޮތަށް، އެކުވެރިކަން ދެމެހެއްޓޭނެހެން ކެމްޕޭނުކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެއްކަމުގައި ޗެއަރޕާސަންގެ އިލްތިމާސްގައި ފާހަގަކުރެއްވިއެވެ.
އަންނަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް ކެނޑިޑޭޓުންނާ މެމްބަރުން ކުރަމުންގެންދާ އަގުހުރި މަސައްކަތްތަކަށް ހިތްވަރު ދެއްވައި، ޕާޓީގެ ފަސް ވަޢުދު ފުއްދުމަށްޓަކައި މިކައުންސިލް އިންތިޚާބަކީ ކޮންމެހެން ކާމިޔާބުކުރަންޖެހޭނެ އިންތިޚާބަކަށް ވީހިނދު އެކުވެރިކަމާއި ޖޯޝާއެކީ އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށްވެސް އެ އިލްތިމާސްގައި ފާހަގަކުރެއްވިއެވެ.