އައްޑޫ ސިޓީގެ ދާއިރާތަކުގެ ޕްރައިމަރީ މިމަހުގެ ބާވީހުގައި

15 ނޮވެމްބަރ 2010

ޢަބްދުﷲ ޖުނައިދު

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓަށް ޝައުގުވެރިވެގެން ތިބި އައްޑޫ ސިޓީގެ ކެންޑިޑޭޓުންނަށް ބާއްވާ ދާއިރާތަކުގެ ޕްރައިމަރީ މިމަހުގެ 22 ވަނަ ދުވަހު ބާއްވާނެ ކަމަށް އައްޑޫ ސިޓީގެ ކޯޑިނޭޓަރ ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަޒްވަރު ވިދާޅުވީ އައްޑޫ ސިޓީގައި ވޯޓުލުން ކުރިޔަށްދާއިރު މާލޭގައި ތިބި އެސިޓީގެ ރައްޔިތުންނަށްވެސް ވޯޓު ލެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. “މިވޯޓުލުން ކުރިޔަށް ދާނީ 22 ވަނަ ދުވަހުގެ ހަވީރު 4.00 އިންރޭގަނޑު 10.00 އަށް. އޮބްޒާވަރުން ބޭތިއްބުމުގެ ފުރުޞަތު ހުރިހާ ކެނޑިޑޭޓުންނަށްވެސް އެއް ހަމައެއްގައި ލިބިގެންވޭ. އަޅުގަނޑުމެން ޕްރެކްޓިސް ކުރަމުންމިދަނީ އިލެކްޝަންސް ކޮމިޝަނުންވެސް އިންތިޚާބުތައް ބާއްވާ ގޮތަށް.”
އައްޑޫ ސިޓީން މިޕްރައިމަރީތައް ބޭއްވުމަށް މިހާތަނަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ހުޅުމީދޫ، މަރަދޫ، ހިތަދޫ އުތުރު، ހިތަދޫ މެދު އަދި ހިތަދޫ ދެކުނެވެ.
މިއިންތިޚާބުގައި ވޯޓުލެވޭނީ 22 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އެދާއިރާއެއް މެންބަރުންނަށެވެ.
މިއިންތިޚާބުގެ ވޯޓުލުން މާލޭގައި އޮންނާނީ ޣިޔާސުއްދީން ސްކޫލްގައެވެ.