– ކެނޑިޑޭޓުންގެ ފަރާތުން ވޯޓުލާ މަރުކަޒަށް އޮބަޒާވަރުން ހަމަޖެއްސުމަށް
އެދެން: މާލިމީ
ޢަބްދުﷲ ޖުނައިދު
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މާލޭ ކޯޑިނޭޓަރ އިބްރާހީމް އަހުމަދު (މާލިމީ) ދާދި ދެންމެއަކު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 4 ކެނޑިޑޭޓުން ވާދަކުރާ މިޕްރައިމަރީޒްގައި ވޯޓު ދެވޭނީ މިމަހުގެ 22 ވަނަ ދުވަހާ ހަމަޔަށް އިލްކެޝްންސް ކޮމިޝަނުގެ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ވިލިމާފަންނު ދާއިރާގެ މެމްބަރުންނަށް އެކަންޏެވެ.
މިމަހުގެ22 ވާ ހޯމަ ދުވަހު އޮންނަ ވޯޓުލުމުގައި މާލޭގައި ދިރިއުޅޭ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާނީ އަމީނީ މަގުގައި ހުންނަ ޕާޓީގެ މައި ހަރުގޭގައެވެ. ވިލިމާލޭގައި ތިއްބަވާ ޕާޓީގެ މެމްބަރުން ވޯޓުލާނީ މީގެ ކުރިންވެސް ބޭއްވި ދާއިރާ އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދިޔަ އުޞޫލުން ވިލިމާލޭގައި ހުންނަ ޕާޓީގެ ހަރުގޭގައެވެ.
މާލޭ ކޯޑިނޭޓަރ އަދި ކުރިން ސިލެކްޝަން ކޮމިޓީގައިވެސް މަސައްކަތް ކުރެއްވި މާލިމީ އިބްރާހީމް ވިދާޅުވީ 22 ވަނަ ދުވަހު ވިލިމާފަންނު ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެއްސީ ދާއިރާގެ ހިންގާ ކޮމިޓީއާއެކު އެކިފަހަރުމަތިން ބައްދަލުކޮށް ނިންމެވި ނިންމެވުމާ އެއްގޮތަށެވެ.
“މިހާރުވެސް ބައެއް ދާއިރާތަކުން ވަނީ ޕްރައިމަރީތައް ބާއްވާފަ.
އެހެންނަމަވެސް ލިބިފައިވާ ޝަކުވާތަކަށް ބަލައި އެކަންތައް ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު ހިންގާ ކޮމެޓީއާ މަޝްވަރާކޮށް، އެކޮމެޓީންވެސް ބޭނުންވި ގޮތާ އެއްގޮތަށް މިމަހުގެ 22 ވަނަ ދުވަހު ވިލިމާފަންނު ޕްރައިމަރީ ބޭއްވުމަށް މިއަދު އަޅުގަނޑުމެން މިނިންމީ” މާލޭ ކޯޑިނޭޓަރ މާލިމީ ވިދާޅުވިއެވެ.
ކޯޑިނޭޓަރ މާލިމީ އިބްރާހީމް ވިދާޅުވީ ވޯޓު ކަރުދާހުގައި އެކެނޑިޑޭޓެއްގެ ނަން ޖަހަން ބޭނުންވާ ގޮތުގެ ސާމްޕަލް ޕާޓީގެ ކެމްޕޭނު އޮފީސް (ރެޑްގްރާސް)އަށް ފޮނުވުމުން ވޯޓު ކަރުދާހުގައި އެގޮތަށް ނަން ޖަހައިދެއްވާނެ ކަމަށާ ވޯޓުލުން ކުރިޔަށްދާ މަރުކަޒުގައި ކެނޑިޑޭޓްގެ ފަރާތުން އޮބްޒާވަރަކު ބެހެއްޓުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
“އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ ކެނޑިޑޭޓުންގެ ފަރާތުންވެސް މިޕްރައިމަރީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލުމަށް. އެހެންކަމުން ކޮންމެ ކެނޑިޑޭޓަކުވެސް ކޮންމެ ވޯޓުފޮށްޓެއްގައި އެކެނޑިޑޭޓެއްގެ ފަރާތުން އޮބްޒާވަރަކު ބަހައްޓަން އެބަޖެހޭ.” މާލިމީ ވިދާޅުވީ އޮބްޒާވަރު/ މަންދޫބުގެ މަޢުލޫމާތުތައް ވީހާވެސް އަވަހަށް ރެޑްގްރާސްއަށް ފޮނުވުމަށެވެ.
T11 (ވިލިމާފަންނު) ދާއިރާއަށް އެމްޑީޕީ ޓިކެޓަށް ޝައުގުވެރިވެ
ކުރިމަތިލާފައިވަނީ އަހުމަދު ރިޟުވާނު، މުޙައްމަދު، އިޤްނާޒު، މާކިފް ޢަބްދުﷲ އަދި އަރްޙަމް ޙުސައިން އެވެ.