12 ނޮވެމްބަރ 2010
ފުނަމާ
1978 ވަނަ އަހަރުނަ ފެށިގެން ދިވެހި ރާއްޖޭގެ ވެރިކަމުގައި ހުރެ މައުމުނު ރާއްޖޭގައި ވެރިކަން ކުރީ ކިހިނެއް، ކޮންގޮތަކަށްކަން އެއަކީ ދިވެހީންނަކަށް އޮޅުވާލެވޭނޭ ކަމެއް ނޫނެވެ. އެވެރިކަން ބަދަލުވެދިއުމުން މިއަދާ ހަމަޔަށްވެސް ދަންބެރަށްވުރެ ތަގުޑިދިގުކޮށް އެވެރިކަމުގެ ވާހަކަ ދިވެހީންނާއި ޚާއްސަކޮށް އަހަރެމެން ދައްކަމުން މިގެންދަނީ ސަބަބެއް ނެތިއެއް ނޫނެވެ.
މުސްލިމުންނަށް ހަނދާންކޮށްދިނުމަކީ އަބަދުވެސް ކުރާންއަންގަވާފައިވާ ކަމެއްމެއެވެ. މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ ސިންގާސަނާ ގައި އެކުލެވިފައިވާ ބާވަތްތަކުގެ ވާހަކަ ދައްކައި އެކަންކަން މިސަރުކާރުން އަނބުރައި އިއާދަ ނުކުރުމަށް ބާރުއެޅުމަކީ އަހަރެމެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ދެކި އެކަން މިކުރަނީ މިބޭނުމުގައެވެ. މިސަރުކާރުން އަނިޔާވެރިވެ ރައްޔިތުންނަށް ގަދަބާރު ދައްކައިގެން ވެރިކަން ދެމެހެއްޓުމަށް އެއްވެސް ކަމެއް ކުރުމަކީ މިސަރުކާރުގެ މޭސްތިރީންގެ އުންމީދު އެކަމާ ގުޅިފައިވާ ކަމެއް ނުމެނޫންމެއެވެ.
ކުރީގެ ސަރުކާރުގައި ރައްޔިތުންނަށް ވެފައިވާ ޚިޔާނާތާއި ގެންގުލުނު އަނިޔާވެރި ދެފުށްދެގޮތް ސިޔާސަސަތަކީ އެސަރުކާރުގެ ބަލިމަޑުކަމުގެ ވައިރަސް ހަށިގަނޑުގެ ތެރޭގައި ގަދަވެ ގެންފައިވާ އެއްވެސް މީހެއްގެ ކިބައިން ފަސޭހައިން ފިލުވައި ނުލެވޭނެ ބިރުވެރި ކަމެއްކަން އެނގޭވެސް މެއެވެ. އިސްލާމް ދީނަށާ ރާއްޖޭގެ ޤާނޫނު އަސާސީއަށް ތެދުވެރިވުމަށް ﷲ ގަންދީ ހުވާކުރިއިރު ރާއްޖޭގެ ޤާނޫނާ ޚިލާފަށް ހަތިޔާރު ހިފައިގެން ހުރިވާހަކަ މިދައްކަނީ އަހަރެމެން އެކަންޏެއް ނޫނެވެ. އެކަން ސާބިތުކޮށް ދީފައިވަނީ މުޅިރާއްޖޭގެ އެންމެންގެ ކުރިމަތީގައި އަމިއްލަ އަނގައިގެ ތެރޭގައިއޮތް އޭނާގެ ދެމިޔައެޅި މުނާފިގު ދުލުންނެވެ. މިއަކީ އަހަރެމެން އަހަރެމެންގެ ލޯބިވެރީންގެ ގާތު ހިތްއުފާކޮށްލާން ދައްކާ ވާހަކައެއް ނޫނެވެ. ހަޤީޤަތެކެވެ.
އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ޖަލުތަކުގައި މީހުންމަރައި ހެދިކަން އެހެރީ ލިޔެކިޔުމުން ފެންނާށެވެ. ޖަލުގެ މީހުންގެ ގަޔަށް ބަޑިޖަހައި މަރާފައި އެކަން ފޮރުވަން ޖައްވަށް، ހަވަޔަށް، ފަޒާޔަށޭ ގޮވައިނެގީ ހަމަތިމާމީހާ މީޑިޔާއަށްއަރައި އިނދެގެންނެވެ. މިސަރުކާރުން އެފަދަ އަނިޔާއެއް ނުކުރާނަމޭ ބުނާތީވެ އަރައި ޖޯކެއްގެ ގޮތުގައި ހިތުންތިބެ މަލާމާތްކޮށް އޮޅުވާލަން އުޅޭއިރު މިޖޯކު މިރައްދުވަނީ ތިމާމެންނަށް ކަންވެސް ނޭނގޭވަރަށް އެތިބީއެމީހުންގެ ވެރިކަމުގެ ދަހިވެތިކަން ބޮޑުވެފައެވެ.
ދިޚަބަރުން މިސަރުކާރުގެ ހޯމް މިނިސްޓަރު ޝިހާބު ގެ ބަސްފުޅެއް ދެއިރުބޯ ބޭހެއްހެން ގެނެސްދޭއިރު އެމީހުން ވިކި ހަފުސްވެފައިވާ އިދިކޮޅު ޕާޓީއަށް އަމިއްލަޔަށް މަލާމާތް ރައްދުކުރެވޭކަންވެސް ނޭނގެނީތާއެވެ. ފިސާރި ސާފުބަހުން ޝިހާބު ވިދާޅުވެފައިވަނީ ޤާނޫނާއި ޚިލާފުނުވާ ގޮތުގެ މަތީން ރައްޔިތުން އިޙްތިޖާޖުކޮށް، އެއްވެ އުޅުމަށް ކަނޑައެޅިފައިވާ ގޮތުގެ މަތީން އެއްވެ އުޅޭނަމަ މިސަރުކާރުން އެފަދަ ބައެއްގެ ތެރެއަށް ކަރުނަގޭހާއި މިރުސްދުން ނުފޮނުވާނެ ވާހަކައެވެ. ޤާނޫނީ އިން ފަހަނައަޅައި ހައްދުންބޭރުވެދާ ބަޔަކާމެދު އަޅަންޖެހޭ ފިޔަވަޅެއް ނާޅާނެ ވާހަކަ ވިދާޅުވެފައެއް ނެތެވެ. މުޒާހަރާ ކުރުން މަނާ ތަންތާނގައި މަނާގަޑިތަކުގައި އެކަން ކުރާނަމަ އަޅާންޖެހޭ ފިޔަވަޅުތައް އަޅާނެތާއެވެ. ޚުދު ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މީހުންވެސް އެގޮތައް އެކަން ކުރަން އުޅުމުން ޝިހާބުވަނީ ސާބިތުކަމާއެކު ފިޔަވަޅު އަޅުއްވާފައެވެ. އެކަންކުރީކީ ސައުދާގަރުކަލޭގެ ހޯމްމިނިސްޓަރަކަށްހުރެ ރިސޯޓެއްގައި ދެމީހަކު ކެއްސާލިއިރަށް ފުލުހުންފޮނުވައިގެން ރޫޅާލި ގޮތަށް ނޫންކަން ޔަޤީންވޭ ދޯއެވެ.
މިއަދު ވެރިކަމާހެދި ބޫތުކައިފައިއެތިބީ ރައްބީއެއް ރަސޫލެއް އުންމަތެއް މިއްލަތެއް އެނގޭނޭ މިންވަރަކަށް ނޫންކަން މިއަދުއެގޮވާ ގޮވެލިތަކުން އެބަ އެނގެއެވެ. ރާއްޖެ މިދެކޭ ޑިމޮކްރެސީގެ ބާނީ ކެނެރީގޭ މުޙަންމަދު ނަޝީދު ދަމާގެންގޮސް ބޮޑެތި ޖަނެރޭޓަރުތަކަށް ހަތަރެސްފައި މުއްޑާންކޮށް ބޮލާލޮލަށް މުގުރިހަޖަހައި ފުޅިތޮށިކާންދީގެން ދުވަސް ދުއްވާލާން އުޅުނުއިރުވެސް ނަޝީދު އެދެއްކެވި ސާބިތުކަމުގެ ކުރިމަތީގައި މައުމޫނުގެ އަނިޔާވެރި އެބޮޑުފައުޖު ޖެހުނީ އިސްޖަހާލާންކަން މިއަދު މިއޮތީ ސާބިތުވެފައެވެ. އެ ހުރިހާ އަނިޔާއެއް ދިން އިރު ވެސް އެއަނިޔާތަކުގެ ތަފްސީލެއް އަދި އަދާ ހަޔަށް ވެސް އަހަރެމެންގެ ކެތްތެރި ހިއްވަރުގަދަ ރައީސް ފާޅުގައި ހާމައެއް ނުކުރައްވައެވެ. އެވެރިކަމުގެ އާރާބާރު އެއަނިޔާވެރިކަން ދުމަށްއަރައި ނެތިގެންގޮސް މުލުން ލުހިދިޔައީ އަހަރެމެންގެ ބާރަކުންނޫނެވެ. އަހަރެމެން ކުޅަކަމަކީ އަނިޔާވެރި މަލްއޫނާ އިދިކޮޅަށް އަޑުއުފުލުމެވެ. ދީނުގައި އަންގަވާފައިވާ ގޮތުގެ މަތީން އެމައުމޫނުގެ އަނިޔާވެރިކަމާއިދިކޮޅަށް އަޑުއުފުލައި ފާޅުގައި މުންކަރާތްތައް ނަހީކުރުމަށް ގޮވާލީއެވެ. ﷲ ގެ ހަޒްރަތުން ވާގިއެދިތިބެ މައުމޫނާއި އޭނާގެ ނުބައިނުލަފާ އައުވާނުންގެ ކުރިމަތީގައި ސާބިތުވެ ރުކުރުވާލީއެވެ. އާޚިރުގައި އަނިޔާލިބެމުންދިޔަ ނިކަމެތީންގެ އަޑު އައްސަވައި މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނެވީ ތަޤްދީރުގެ ފުރިހަމަ ނިޔާފުޅުންކަން އޮޅުވާލާން ނޫޅޭބަލާށެވެ. ސައުދާގަރުގެ މޮޅުކަމުން ސައުދާގަރުގެ ލާރިގަނޑުގެ ސަބަބުން ވީކަމެއް ކަމުގައި އެބުނާ ބަޔަކު އެބުނަނީ ކުފުރުގެ ބަހެއްކަން ޔަޤީން ނުވާނަމަ އެބުނާ ސައުދާގަރު ކިއޫގެ ހަތަރުވަނައިގައި ސޮނިވެއްޓިފައި ހުރިދުވަސް ހަނދާން ކޮށްލުން ރަނގަޅުވާނެއެވެ. މިވަރުންވެސް ނުފުދޭ ބަޔަކަށް ފަހުމްވާނީ ތަޤްދީރުގެ ނިޔާފުޅުން އަޅުއްވާ ބޮނޑި އަނެއްކާވެސް އެޅުއްވުމުންތާއެވެ. އެކަމަކު ބުނަންހެއްޔެވެ. އެޔަކީ އަޑެއްއިވިގެން އަންނާނެ ބޮނޑިއެއްނޫނެވެ. އިންސާނާއަށް ކަންވެ ނިމުމުންމެނުވީ އެނގުމެއްވެސް ނުވާނެއެވެ. ބުއްދިވެރިޔަކީ އެކަމަށް ވިސްނައި އަބަދުވެސް ސަލާމަތުން ރައްކާތެރިވެ ހުންނަމީހާއެވެ.
މިސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވާނަމަ ސަރުކާރު ހަމަމަގަށް އަޅުވާނީ އަހަރެމެންނެވެ. އެއަކީ އަނިޔާވެރިކަމުގެ ސަގާފަތެއްގައި ކަޅިވެފައިތިބި ސިޔާސީގޮތުން ނުކުޅެދޭ ބަޔަކަށް ކުރެވޭނެ ކަމެއްނޫނެވެ. އެޔަކީ ކޮރަޕްޝަނާ ޚިޔާނާތުން ދެގޮހޮރު ފުރިފައި ތިބި އިދިކޮޅު ބަޔަކު ” ފައިނުހިއްޕާ” ބައިތިއްބައިގެން ހަވާލުކުރާވަރުގެ ކަމެއްވެސް ނޫނެވެ. މިސަރުކާރުން ހެޔޮވެރިކަމާ ދިމާލަށް ރައްޔިތުން ނައިގެން ރައްޔިތުން އެދޭ ތަސައްވުރަށް ކުރާދަތުރުގައި ކަނޑުމަތިއޅުވާން އުޅޭ ޝައިތާނީ ސިކުނޑިތަކުގައި ހުރީ ކޮންއުރަތްޕެއްކަމާ އެޝައިތާނުންގެ ޚަސީލަތަކީ ކޮބައިކަން އަހަރެމެން ދަންނަމުއެވެ. އަދިމައިތިރިވެސް އެނގެއެވެ.
މިސަރުކާރުން ރައްޔިތުން ހިތްއުފާވަނީ ކޮންކޮން ކަންކަމަކުންކަން ދަނެގެން އެކަންކަން ހާލަތާ އެއްގޮތަށް ކޮށްދޭން އަބަދުވެސް އުޅޭނެއެވެ. އެކަމުގައި އަހަރެމެން ވާގިއެދެނީ ސައުދާގަރުންގެ ކިބަޔަކުންނޫނެވެ. ﷲގެ ޙަޒްރަތުންނެވެ. އަހަރެމެންނަށް އެމާތް ދޭވަތާއީންގެ މާތް އަމުރުފުޅާ އިރާދަފުޅުން މިދެއްވި ފުރުސަތުގެ ބޭނުން އިޚްލާސްތެރިކަމާއެކު މިދަނީ ކުރަމުންނެވެ. އަހަރެމެންގެ އިސްވެރީންނަށް އަހަރެމެން ދައްކައިދޭނީ ހެޔޮމަގެވެ. އެމީހުން އެގޮތުގައި ސާބިތުވެ ތިބިހައި ހިނދަކު އަހަރެމެން މާޔޫސްވެ އަޒުމުގުޑި ދާކަށް ފުރުސަތެއް ނެތެވެ. މިވެރިކަމުގައި ފެންނަމުންއެދަނީ ދިވެހީންގެ ފިކުރުތަކާއި ޚިޔާލުތަކުގައި ކުރެހިފައިވާ އުފާވެރި ދިވެހިރާއްޖޭގެ ތަސައްވުރު ހަޤީޤަތަކަށް ވަމުންދާތަނެވެ. އެއާއެކު އަނިޔާވެރީންގެ ހިތްތަކާއި ސިކުނޑީގައި ހަރުލާފައިވާ އަދާވާތްތެރި ކަމާއި ފިތުނަވެރިކަމުގެ ސުންޕާބަލި އިތުރަށް ބޮޑުވެ މުޅި ގައުމު ދާޚިލީ ހަމަނުޖެހުމަކަށް ވައްޓާލުމަށް އެކުރާ މަސައްކަތުގައި ވާގިއެދެމުން އެތިބަހިނގަނީ މަގުއޮޅިފައިތިބި ސައުދާގަރުންގެ މޯހިރުންކަމުގައި ވިޔަސް ޙައްޤަށް އަބަދުވެސް ނަސްރު ދެއްވުމުގައި ﷲ ވޮޑިގެންވާކަން ދަނެ އަހަރެމެން އެންމެ ހިނދުކޮޅަކަށްވެސް މާޔޫސްއެއް ނުވަމުއެވެ.