ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފި

11 ނޮވެމްބަރ 2010

jumhoory

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަދު ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.
ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ، ހަ ބޭފުޅަކަށެވެ. އެއީ، ޞިއްޙީ ދާއިރާއިން، ދިވެހި ބޭސްވެރިކަމުގެ ރޮނގުން ނ. ކެނދިކުޅުދޫ ކުއްޅަވައްއާގޭ ޙަސަން ޤާސިމަށާއި، ހެންވޭރު ސީސައިޑް ޢަލީ ޙުސައިނަށާއި، މަސްވެރިކަމުގެ ދާއިރާއިން ހެންވޭރު ދުނބުގަސްދޮށުގޭ މުޙަންމަދު ޙުސައިން (ކަނދި މުޙަންމަދުފުޅު) އަށާއި، ގދ. ފަރެސް މާތޮޑާ މާތޮޑާ އަވަށު ބިނާ މުޙަންމަދު މަނިކަށާއި، އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން ހެންވޭރު ޑީންސްވިލާ މުޙަންމަދު ވަޙީދުއްދީނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ފެހުމާއި، ބެޖް ހެދުމާއި، މާޖެހުމުގެ ރޮނގުން ގަލޮޅު ނަންކުރާވިޔު ޚަދީޖާ އަބޫބަކުރަށެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 6 ބޭފުޅަކަށެވެ. އެބޭފުޅުންނަކީ:

– ޞިއްޙީ ދާއިރާއިން ޑޮކްޓަރ ފަރްޚަންދާ ޔަގާނެގީ އިސްލަމިކް ރިޕަބްލިކް އޮފް އީރާން.

– އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން އަޙްމަދު ވާފިރު ދ. ކުޑަހުވަދޫ ރާސްތާ.

– މަސައްކަތްތެރި ކަމުގެ ދާއިރާއިން – ކިއްސަރު ވަޑާމުގެ ރޮނގުން އަޙްމަދު ޢާޠިފް ރ. އިންނަމާދޫ ފްރެޝް.

– ޚަބަރާއި މަޢްލޫމާތު ފެތުރުމުގެ ދާއިރާއިން އާދަމް ޙަލީމް ލ. މުންޑޫ ރުއްކޮށީގެ.

– ޕާރފޯމިންގ އާޓްސްގެ ދާއިރާއިން – ލަވަކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން މުޙަންމަދު މާޖިދު ގ. ކްރީމްގެ.

– ވިޜުއަލް އާޓްސްގެ ދާއިރާއިން – ފިލްމާއި ވީޑިއޯ އުފެއްދުމާއި، ޑައިރެކްޓް ކުރުމުގެ ރޮނގުން މުޙަންމަދު ނިޔާޒް ހ. ލަންޗްމީޑް.

މިބޭފުޅުންގެ އިތުރުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވަރކްޝޮޕަކަށާއި، ދެކުންފުންޏަކަށް މިއަހަރު ލިބުނެވެ. މިގޮތުން، މަސައްކަތްތެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ، ޑޭޒީ ވަރކްޝޮޕަށެވެ. އެ ވަރކްޝޮޕްގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ، އެ ވަރކްޝޮޕްގެ މަސްއޫލުވެރިޔާ އަދި މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ސަމީރެވެ. ޢިމާރާތް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން މި އިނާމާ ޙަވާލުވެވަޑައިގަތީ، ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ސަޢުދުﷲ ޙިލްމީއެވެ. ދަތުރުފަތުރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ، ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޝަރީފެވެ.

މިއަދުގެ ޖަލްސާގައި ޤައުމީ އިނާމު ކޮމިޓީގެ ރިޕޯޓު ހުށަހެޅުއްވީ ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މަޙްމޫދު ރާޒީއެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ، މަސްވެރިކަމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި މުޙަންމަދު މަނިކެވެ.