10 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ މާލޭ ސިޓީ ކައުންސިލް ޕްރައިމަރީޒްގައި ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ބަހުސެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމުގައި އެމްޑީޕީން ބުނެފިއެވެ.
މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު އެމްޑީޕީ މީޑިއާ މަޢުލޫމާތު ދެއްވަމުން އެޕާޓީގެ މާލޭ ދާއިރާގެ ކޯޑިނޭޓަރ (މާލިމީ) އިބްރާހީމް އަޙުމަދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޤާބިލްކަން ވަޒަންކޮށްލުމަށް މިފަދަ ބަހުސެއް މިވަގުތަށް ވަރަށް މުހިއްމު ކަމަށާއި، އެހެންކަމުން މި ޢީދު ބަންދުތެރޭގައި ބަހުސް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
” އަސްލު މިފަދަ ބަހުސެއް ބޭއްވުމަކީ ހަމަ ވަރަށް މުހިއްމު ކަމެއް. ކައުންސިލްތަކަށް ކުރިމަތިލައްވާފައި އެތިއްބެވި ބޭފުޅުންނަކީ ކިހާ ޤާބިލް ބައެއްކަން ދައްކާލަން އަޅުގަނޑުމެން ބޭނުންވޭ. އެގޮތުން މި ބަހުސްގެ އެންމެ ބޮޑު ބޭނުމަކީ ވެސް މި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ޤާބިލްކަން ވަޒަންކޮށްލަން އާންމު މެންބަރުންނަށް ފުރުސަތު ދިނުން.. އެމްޑީޕީ އަކީ އެންމެ ޑިމޮކްރެޓިކް ޕާޓީ ކަމަށްވާތީ މި ޕްރައިމަރީގެ ކަންތައް ވެސް އަޅުގަނޑުމެން މިގެންދަނީ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން ހަމަހަމަ ފުރުސަތުތަކެއް ކެންޑިޑޭޓުންނަށް ދީގެން” އެމްޑީޕީގެ ކެމްޕެއިން ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ މާލިމީ އިބްރާހީމް ވިދާޅުވިއެވެ.
އިބްރާހީމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީތަކުގައި ވާދަކުރައްވާނޭ ފަރާތްތައް ކަނޑައެޅުމަށް މިހާތަނަށް އެޕާޓީގެ ކޮމިޓީތަކުން ކުރި މަސައްކަތުގައި މަދު ފަރާތްތަކަކުން ބަލި ޤަބޫލު ނުކުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އުނދަގޫވި ނަމަވެސް، ގިނަ ފަރާތްތަކުން ވަރަށް އެއްބާރުލުންދޭކަން އުފަލާއެކު ފާހަގަކުރައްވާ ކަމުގައެވެ.
މާލޭގެ 11 ދާއިރާގެ ތެރެއިން މިހާރު ޕްރައިމަރީއަކަށް ދާންޖެހެނީ 6 ދާއިރާއެއްގައި ކަމަށާއި، މިގޮތުން ހުޅުހެންވޭރު ދާއިރާގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި އެމްޑީޕީ ހަރުގެ ކޮމިޓީގެ މެމްބަރު (މައިޒާން) އަލި މަނިކާއި، ހ. ސަމާގްރީން އާދަމް ޝަރީފް ވާދަކުރައްވާއިރު، މެދު ހެންވޭރު ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ 3 ބޭފުޅުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ލަވަކިޔުންތެރިޔާ އާސިމް ތައުފީޤާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް އަޙުމަދު ނަސީމްގެ އިތުރުން މަޝްހޫރު ފިލްމީ ތަރި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ.
ހެންވޭރު ދެކުނު ދާއިރާއިން ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ހަމީދު ޢަބްދުލްޣަފޫރު (އައްޑޯ) އާއި ހ. ރުކުމާގޭ މުޙައްމަދު އަބްދުލް ކަރީމްގެ އިތުރުން ހ.ހެދޭ ތުނޑި ޝިއާން ޝަފީޤް ވާދަކުރައްވާއިރު، ގަލޮޅު އުތުރު ދާއިރާއިން ގ.ދުވެލި ޢަބްދުﷲ ސަލީމް އާއި، އެމްޑީޕީ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ގ.ކަކާގޭ ހުސައިން އާދަމް އާއި ގ.ވަޑިނޮޅުގޭ މުހައްމަދު އަފްރާޙް ޚަލީލް އާއި ގ.ރަންގިރީގޭ ޝެހެނާޒް ވާފިރު ވާދަކުރައްވާ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާއިން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި، މއ. މާފޮޅޭގޭ މުޙައްމަދު ފާރޫޤް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާއިރު، މާފަންނު ދެކުނު ދާއިރާއިން އެމްޑީޕީގެ އިންތިޤާލީ އަންހެނުންގެ ރޫޙްގެ ރައީސާ މ.ކަރޭޖް ޝިޔާމާ އަޙުމަދު އާއި، މ.މާފަރުގެ މުޙައްމަދު އައިމަން އިސްމާޢީލްގެ އިތުރުން މ.މެދުރިޔާ އަހުމަދު ރިޝްވާން ވާދަކުރައްވައެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާއަށް އެދާއިރާގެ އެމްޑީޕީގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް ގ.ކިޔަވާގޭ ޢަބްދުﷲ ޝަފީއު ވާދަކުރައްވާއިރު، މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ މަޝްހޫރު ފިލްމީ ތަރި (ޖަންބު) ހަސަން އަފީފެވެ. އަދި މާފަންނު އުތުރު ދާއިރާއަށް އަހުމަދު ސަމާޙް ރަޝީދު ވާދަކުރައްވާއިރު، މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ އެ ދާއިރާގެ ރައީސް މުޙައްމަދު ފަލާޙްއެވެ. އަދި ވިލި މާފަންނު ދާއިރާއިން އެ ދާއިރާގެ އެމްޑީޕީގެ ރައީސް އަރުހަމް ޙުސައިނ ވާދަކުރައްވާނޭ ކަމަށް މިއަދު އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.