10 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ފަރާތްތަކުން އަމިއްލަ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވެއްޖެނަމަ އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް މިހާރު ބާއްވަމުން ގެންދާ ޕްރައިމަރީތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ހއ. އަތޮޅު ކޯޑިނޭޓަރ އާދަމް ނަސީރު ވިދާޅުވީ އެފަދަ ފަރާތްތަކާމެދު އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި ކުރިޔަށްހުރި އިންތިޚާބުތަކުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމާއި ޕާޓީން ވަކިކުރުން ފަދަ ހަރުކަށި ފިޔަވަޅު ހިމެނޭ ކަމަށެވެ.
އާދަމް ނަސީރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޓިކެޓަށް އެދި ހުށަހަޅާ ފޯމުގައި ވެސް، ޕްރައިމަރީގައި ބަލިވާ ފަރާތްތަކުން ކާމިޔާބުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އިޤްރާރުވެފައިވާނޭ ކަމަށާއި، އެހެންކަމުން މި އިޤްރާރާއި ޚިލާފްވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނޭ ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް އެދި އެޕާޓީއަށް ހުށަހަޅާފޯމުގައިވާ އިޤްރާރުގައިވާ ގޮތުން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުހޮވުނު ނަމަވެސް ޕާޓީގެ ނިންމުމަށް އިޙްތިރާމްކޮށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވޭ ކެންޑިޑޭޓަކަށް ޕާޓީގެ އަސާސީ ޤަވައިދުގައިވާ ގޮތުގެ މަތިން މަސައްކަތްކޮށްދިނުމަށް އިޤްރާރުވުމުގެ އިތުރުން އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަން ޖެހެއެވެ. އަދި އެއިޤްރާރާއި ޚިލާފްވެއްޖެނަމަ އެމްޑީޕީގެ ފާރާތުން ހަރުކަށި ފިޔަވަޅު އެޅުމާމެދު އިއުތިރާޒެއްނެތް ކަމަށް ވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް އެދި އެޕާޓީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އިޤްރާރުވެފައިވެއެވެ.