9 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އުތރު ޕްރޮވިންސްގެ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއްރަށަށާއި، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ހަވީރު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި، މިލަންދުންމަޑުލު ދެކުނުބުރީ ހެނބަދުއާއި، މާޅެންދުއާއި، ޅޮއްސާއި، މަގޫދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށްރަށާއި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ހޯމަ ދުވަހުގެރޭ އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން، އެރަށު މޭނާ ސްކޫލްގެ 2009ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި، އެރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޮޅުދޫގައި ދެހާސް ބާރަވަނަ އަހަރު ޖޫނިއަރ ހައި ސްކޫލެއް ޤާއިމުކޮށްދެއްވާނެކަމަށާއި، މޭނާ ސްކޫލަކީ، ރާއްޖޭގައި ނަން ފަވާލެވޭވަރުގެ ތަޢުލީމީ ސްކޫލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ ސްކޫލް ތަރައްޤީ ކުރެއްވުމަކީ، މިއަދުގެ ސަރުކާރުގެ ވިސްނުންފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ދެހާސް ބާރަވަނަ އަހަރު މޭނާ ސްކޫލްގައި ކިޔަވައިދެމުން ގެންދާނީ އެއްދަން ފަޅިއަށް ކަމަށާއި، އެކަމަށް ބޭނުންވާ ކްލާސް ރޫމްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނ.ޅޮހީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ރައްޔިތުންގެ މިނިވަންކަން ދަމަހައްޓަވައި ހިފެހެއްޓެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އެގޮތުން ރައްޔިތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ބުނާއެއްޗެއްގެ ސަބަބުން ހައްޔަރުކޮށް، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފިކުރު ނެރުމަށް ބިރުގަންނަ ހާލަތެއް ކުރިމަތިވެއްޖެނަމަ، މުޅި ޤައުމުގެ ތަރައްޤީ ގެއްލިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، އިއްޔެ މެންދުރުކުރީގެ ވަގުތެއްގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދުއަށް ޒިޔާރަތް ކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުދިރަށްރަށަށް ޚިދުމަތް ނުދީ، ކުދި ރަށްރަށް ބިކަކޮށް އެކަނިކޮށް މި ރަށްރަށަށް ތަރައްޤީވެވޭނޭ އުންމީދެއް ނުދީ، އަދި ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނޭ ގޮތްތަކެއް ހަމަނުޖައްސައި އޮތުމަކީ، ސަރުކާރަށް ޤަބޫލުފުޅު ކުރެއްވޭނޭ ގޮތެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.