8 ނޮވެމްބަރ 2010
ރާމިޒް
މާލޭ ސިޓީ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 22 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މި ޕްރައިމަރީގައި ދާއިރާތަކުން ވާދަކުރައްވާ ފަރާތްތައް އެމްޑީޕީން ހާމަކޮށްފިއެވެ.
މާލޭގެ 11 ދާއިރާގެ ޕްރައިމަރީގައި 18 ބޭފުޅަކު ވާދަކުރައްވާ ކަމަށާއި، މިގޮތުން ހުޅުހެންވޭރު ދާއިރާގެ ޕްރައިމަރީގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަދި އެމްޑީޕީ އަލިފުށީ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި އެމްޑީޕީ ހަރުގެ ކޮމިޓީގެ މެމްބަރު (މައިޒާން) އަލި މަނިކާއި، ހ. ސަމާގްރީން އާދަމް ޝަރީފް ހިމެނެއެވެ.
މެދު ހެންވޭރު ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ 3 ބޭފުޅުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ލަވަކިޔުންތެރިޔާ އާސިމް ތައުފީޤާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް އަޙުމަދު ނަސީމްގެ އިތުރުން މަޝްހޫރު ފިލްމީ ތަރި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ.
ހެންވޭރު ދެކުނު ދާއިރާއިން ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ހަމީދު ޢަބްދުލްޣަފޫރު (އައްޑޯ) އާއި ހ. ރުކުމާގޭ މުޙައްމަދު އަބްދުލް ކަރީމްގެ އިތުރުން ހ.ހެދޭ ތުނޑި ޝިއާން ޝަފީޤް ވާދަކުރައްވާއިރު، ގަލޮޅު އުތުރު ދާއިރާއިން ގ.ދުވެލި ޢަބްދުﷲ ސަލީމް އާއި، އެމްޑީޕީ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ގ.ކަކާގޭ ހުސައިން އާދަމް އާއި ގ.ވަޑިނޮޅުގޭ މުހައްމަދު އަފްރާޙް ޚަލީލް އާއި ގ.ރަންގިރީގޭ ޝެހެނާޒް ވާފިރު ވާދަކުރައްވާ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާއިން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި، މއ. މާފޮޅޭގޭ މުޙައްމަދު ފާރޫޤް އެވެ.މާފަންނު ދެކުނު ދާއިރާއިން އެމްޑީޕީގެ އިންތިޤާލީ އަންހެނުންގެ ރޫޙްގެ ރައީސާ މ.ކަރޭޖް ޝިޔާމާ އަޙުމަދު އާއި، މ.މާފަރުގެ މުޙައްމަދު އައިމަން އިސްމާޢީލްގެ އިތުރުން މ.މެދުރިޔާ އަހުމަދު ރިޝްވާން ވާދަކުރައްވައެވެ.
ގަލޮޅު ދެކުނު ދާއިރާއަށް އެދާއިރާގެ އެމްޑީޕީގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް ގ.ކިޔަވާގޭ ޢަބްދުﷲ ޝަފީއު ވާދަކުރައްވާއިރު، މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ މަޝްހޫރު ފިލްމީ ތަރި (ޖަންބު) ހަސަން އަފީފެވެ. އަދި މާފަންނު އުތުރު ދާއިރާއަށް އަހުމަދު ސަމާޙް ރަޝީދު ވާދަކުރައްވާއިރު، މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ އެ ދާއިރާގެ ރައީސް މުޙައްމަދު ފަލާޙްއެވެ.
މީގެ އިތުރުން ވިލި މާފަންނު ދާއިރާގެ އެމްޑީޕީގެ ޓިކެޓަށް އެދި މުޙައްމަދު އިގްނާޒް އަލީ އާއި، އެމްޑީޕީ ވިލިމާފަންނު ދާއިރާގެ ރައީސް އަރުހަމް ޙުސައިން، މާކިފް އަބްދުﷲ އަދި އަހުމަދު ރިލްވާން ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.