މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީ

ޕާޓީގެ މެންބަރުންގެ ކަންތައްތައް ބަލަހައްޓާ އެކަންތައްތަކުގެ މަސްއޫލިއްޔަތު އުފުލާނީ މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީންނެވެ. އަދި ޕާޓީ ވާދަކުރާ އިންތިޚާބުތަކުގެ ކެމްޕޭނު ހިންގައި، ކެމްޕޭނުގެ އެންމެހާ ކަންތައްތައް ރާވާ ބަލަހައްޓާނީ މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީ އެކުލެވިގެންވަނީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޤައުމީ މަޖިލީހުން ހޮވާ، 4 މެންބަރުންނަށްވުރެ މަދުނުވާ ޖުމްލަ އޮނަހިރި ޢަދަދެއްގެ މައްޗަށެވެ.

މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:
1. ޕާޓީގެ މެންބަރުންގެ ލިސްޓު ބެލެހެއްޓުން
2. މެންބަރުންގެ ޙައްޤުތައް ރައްކާތެރިކޮށް މެންބަރުންގެ ވާޖިބުތައް އަންގައިދީ ހެދުމަކީ، މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީގެ މަސްއޫލިއްޔަތެކެވެ. މެންބަރުންގެ ލިސްޓުގައި ހިމެނޭ މަޢުލޫމާތަކީ، ހަމައެކަނި ޕާޓީއާ ބެހޭ ކަންކަމުގައި ބޭނުންކުރެވޭނެ އެއްޗަކަށް ހެދުމަށް ޔަޤީންކުރުމަށް، މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީއަށް އެޅެންއޮތް ލާއިގު ހުރިހާ ފިޔަވަޅެއް އަޅާނެއެވެ. އަދި ލިސްޓުގައި ހުންނަ މަޢުލޫމާތު ސަރުކާރަށާއި، މި އަސާސީ ޤަވާއިދު ހުއްދަދޭ ފަރާތަކަށްނޫން އެހެން ފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ.
3. ޕާޓީގެ ނަމުގައި ކުރިމަތިލާ ކެމްޕޭނުތަކަށް ތައްޔާރު ވުމުގެ ގޮތުން ކެމްޕޭނު މެނޭޖަރު ކަނޑައެޅުމާއި ކެމްޕޭނުގެ ދަތުރުފަތުރު ރޭވުމާއި ކެޕްމޭން މެޓީރިއަލް ފަރުމާކުރުމާއި ކެމްޕޭނާބެހޭ ހުރިހާ މަސައްކަތެއް ކުރާގޮތް ބެލެހެއްޓުމަކީ މެންބަރޝިޕާއި ކެމްޕޭނު ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.