މެންބަރުންގެ ޚިޔާލު: ފަސް އެނބުރި ބަލާލާށެވެ.

1 ނޮވެމްބަރ 2010

ފުނަމާ

އެމްޑީޕީ މިއަދު މިވަނީ ރައީސް ނަޝީދު އެވިދާޅުވާގޮތަށް ތަސައްރަފު ފުދިފައެވެ. މިޕާޓީގެ ކޮންމެ މެންބަރަކީވެސް މިހާރު ފިސާރި ސާބިތު ކަމާއެކު ހިންދަމާލައި އަމިއްލަ އަޒުމާ ސާބިތުކަމާއެކު ކެރިގެން ކުރިޔަށް ދިއުމުގެ މަގު ތަނަވަސްވެފައިވާ މީހެކެވެ.
ނަމަވެސް އަރާއަރަ ފޯދުމުގެ މާނަޔަކީ އަޅުގަނޑު މެންގެ ފެށުން ހަނދާން ނައްތާލުމެއް ނޫނެވެ. މިކަން އަޅުގަނޑުމެން މިއަދު ވަރަށްބޮޑަށް ވިސްނާން ޖެހޭނެއެވެ. އެމްޑީޕީ އުފެދުނު ގޮތާއި ކުރިއެރުމަށް ފުރުސަތު ފަހިވެގެން ދިޔަގޮތާމެދު ވިސްނައި އެކަންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާން ޖެހޭނެއެވެ. ބުއްދިވެރީންނަކީ މާޒީގެ ފަހަތުން ނުދުވެ އެހެނަސް މާޒީގެ ތަޖްރިބާޔާއެކު ކުރިމަގު ބައްޓަން ކުރާ މީހުންނެވެ.
އެމްޑިޕީ ވުޖޫދަށް އައީ ކިހިނެއް ،ކޮންއިރަކު، ކީއްވެގެންކަން ބަލާލަން އެބަޖެހެއެވެ. އަނިޔާވެރި ވެރިކަމުގެ ސަޤާފަތެއް ރާއްޖޭގައި ފެށިފައިވަނީ ކޮންއިރަކުކަން ނޭނގުނަސް ވެރިކަމުގައި ތިބޭ ބަޔަކުގެ މަސްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި ދިވެހި ރައްޔިތުން ހަނާއަރުވަމުން ނުގެންދާ ޒަމާނެއް ރާއްޖޭގެ ތާރީޚު އެނގޭން ފެށީއްސުރެ އޮތްކަމަކަށް ނުބުނެވެއެވެ. ފިރީން މަރައި ރަސްކަމުގެ ތަޚުތު ހޯދި ވާހަކަޔާއި ދަރީންނަށްވެސް ރަސްކަމުގެ ބާރުނުދޭން އުޅުނު ރަސްރަސް ކަލުންގެ ވާހަކަ ބަޔާންވެފައި އެބަހުއްޓެވެ. ޖުމްހޫރީ ވެރިކަމުގެ ތިންދައުރު ނިމިފައިވާއިރު މިވެރިކަން ކުޅަފަރާތްތަކާމެދުވެސް ކަންހިނގާފައިވާ ގޮތަކީ ލިޔެވި ފެންނާންއޮތް ހަޤީޤަތެކެވެ.
ގައިމުވެސް ރާއްޖޭގައި މިފަހަކަށްއައިސް ވެރިކަންކުރި އެންމެ އަނިޔާވެރި ވެރިއެއްގެ ގޮތުގައި މައުމޫނުގެ ނަންލިޔެވޭނެއެވެ. މައުމޫނުގެ ވެރިކަމުގައި އޭނާގެ ޖަލުތަކުގައި އިންސާނުންނަށް ދީފައިވާ އަނިޔާތައް ރަނގަޅަށް ބަލައިފިނަމަ ދިވެހީން އޭނާއަށް ރާއްޖޭގެ ހިޓްލަރުގެ ނަމުންވެސް މުޚާތަބު ކޮށްފާނެއެވެ. އެހާވެސް އެއަނިޔާވެރިޔާގެ އަނިޔާވެރިކަން ބޮޑެވެ. މޫސާގެ ފާނުންގެ ފިރުއައުނު ގެންގުލުނު ފަދަ ނުބައި ސިކުނޑިއެއް އޭނާއަށް ލިބިފައިވާ ކަމުގައި ބައެއްމީހުން ބުނެއުޅެއެވެ.
މިއަނިޔާވެރިކަމުގެ ހިތިރަހަ ދެކެމުންއައި ދިވެހި އާންމު ރައްޔިތުން ތިބޭންޖެހުނީ ގަންނާކުރަށްވާ ބިރުން ޗުއްޕުވެސް ނުބުނެއެވެ. ޅެންފަރިހި ހަދައިގެންނާ މިނޫންވެސް ގޮތްގޮތުން މައުމޫނަށް ޚުޝާމަދު ކުރުންނޫންކަމެއް ކުރާމީހަކީ މައުމޫނުގެ އަދާވާތްތެރިއަކަށްވެ ޖަލުގެ ކުޑަގޮޅީގެ އަޒާބާއިވޭން ދެކޭންޖެހޭ މީހަކަށްއޮތީ ވެފައެވެ. ހުކުރަށް މިސްކިތަށް އަރާމީހަކަށް މައުމޫނުގެ އިއްޒަތްތެރި ފައިވާންކޮޅުގައި ޖެހިލެވުނަސް ކުޑަގޮޅިއެވެ. މިފަދަ އަނިޔާވެރިކަމުގައި ތިބި ދިވެހި ރައްޔިތުން އެއަނިޔާވެރިކަމުން ސަލާމަތް ކުރުމަށްޓަކައި ހިންދަމާލައި ތެދުވާން ކެރުނު ބަޔަކީ ފިސާރި ހިއްވަރުގަދަ ބަޔެއް ކަމުގައި މެނުވީ ނުވާނެއެވެ.
އެމްޑީޕީގެ ހަރަކާތްތައް ފެއްޓުމުގައި ކެރިގެން އިސްނެގި ފަންސާހަށްވުރެ މަދު ހިއްވަރުގަދަ ބަޔަކު އެފެށި މަސައްކަތް އާރުލައި ކުރިޔަށްގޮސް މިއަދު ރާއްޖޭގައި އެންމެ ބައިގިން ޕާޓީއަށް މިޕާޓީ މިވަނީވެފައެވެ. އެކަކު އަނެކެއްގެ ކިބައިން ހިއްވަރު ލިބިގަނެ ބިރުފަހަނަޅައިގޮސް ފިސާރި ކެރިގެން ދިއްކޮށްލި މޭތައް ފޫއަޅުވާލުމަށް މައުމޫނު ނުކުޅެދި އެންމެ ފަހުން ވެރިކަމުގެ އާރާބާރު އަތުންދޫވެ މިއަދު އެވަނީ ހިއްދަތިހާލުގައި ކަރުނައޮހޮރާން ޖެހިފައެވެ. ނަމަވެސް މިއަދަކުވެސް އޭނާގެ އަނިޔާވެރިކަމުން އަދި ދިވެހި ރައްޔިތުންނަކަށް ސަލާމަތްކަމެއް ނުލިބެއެވެ. ރައްޔިތުން އޭނާގެ އަތުން ފިރުކައިގެން ވެރިކަން އަލުން ހޯދުމުގެ ދަހިވެތި ކަމުގައި ހަރަކަށްވަދެ ފިލައި އޮވެގެންވެސް އެކުރަނީ ދިވެހި ރައްޔިތުންނަށް ފުރައްސާރަޔާ އުނދަގުލެވެ. ރައްޔިތުން ޚިޔާރުކުރި ވެރިކަމުގެ ނިޒާމު ފުނޑުފުނޑު ކޮށްލައި އަލުންއަނބުރައި އޭނާގެ ބާރުގަދަކޮށް ބަދަލުހިފުމުގެ ތައްޔާރީތައް އެގެންދަނީ ވަމުންނެވެ. އޭނާގެ އައުވާނުން މިއަދުވެސް އެގޮވައިނަގަނީ ދިވެހި ސިފައިންނާއި ފުލުހުންގެ ކަންފަތް އަނބުރާލުމަށެވެ. ވީއިރުއަނބުރައި ބާރު ލިބިއްޖެނަމަ ނިކަމެތި ރައްޔިތުން ރޮލާހަފައި ނުކާނެކަމެއްވެސް އެބައެނގޭހެއްޔެވެ؟
އެމްޑީޕީ އުފެދުނީ ކިހިނެއްކަން އެނގުނު ނަމަވެސް މިހަރަކާތް ފުޅާކޮށް މިއަދު މިއޮތް ހިސާބަށް ގެނެވިފައި މިވަނީ ބަޔެއްގެ ފިސާރި ބޮޑު ގުރުބާނީ ތަކަކާއެކުކަން ހަނދާންކުރާން ޖެހޭނެއެވެ. މިއަދު މިޕާޓީގެ އިސްސަފުގައި އެތުރިގެން ފެންނާން އެތިއްބެވި ގިނަފަރާތްތަކަކީ މިޕާޓީއަށް އަގުނުކުރެވޭ ވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި މިޕާޓީގެ މޭސްތިރީންނެވެ. ޕާޓީގެ ބާނީ ގޯގޯލަތީފްއާއި ކެނެރީގޭ މުހަންމަދު ނަޝީދަކީ ދުވަހަކުވެސް އެނަންތައް ދިވެހި އުޑުދަށުން ފަނޑުވެ ނުދާނެ ނަންނަމެވެ. ޕާޓީގެ ނާއިބުރައީސް އިބްރާހީމް ހުސައިން ޒަކީއާއި މިފަދަ ކިތަންމެ ބޭފުޅުންނެއްގެ ނަންފުޅު ލިޔެވިދާނެއެވެ. ހަމައެއާއެކު އަރާމާ އުފާވެރިކަމުގައި ތަނަވަސްކަމާއެކު އުޅުއްވަމުންގެންދެވި ރާއްޖޭގެ އެތަކެއް ބޮޑެތި ވިޔަފާރިވެރީންގެ ތެރެއިން މިހަރަކާތުގައި ބައިވެރިވެ ދީލަތި ކަމާއެކު އެބޭފުޅުންގެ އަތްތިލަތައް އަޅުގަނޑުމެންނާ ދިމާލަށް ހުޅުވާލެއްވި މަދުބޭފުޅުންގެ ތެރެއިން ވެސް ގިނަބޭފުޅުންނަކީ ވެރިކަމުގެ އިއްޒަތާ ގަދަރަށްވުރެ ދިވެހި ރައްޔިތުންގެ ޙައްޤުގައި ދީލަތިކަމާއެެކު އެހީތެރިވެ ވަޑައިގެން ދެއްވި ބޭފުޅުންނެވެ. މައުމޫނުގެ ސަރުކާރުގައި މަތީމަޤާމުތަކެއް ފުރުއްވަމުން ގެންދެވި ބައެއް ބޭފުޅުން މިހަރަކާތުގައި ބައިވެރިވާކަމަށް ޝައްކުވުމުން އެހެލައި ބޮޑެތި އަނިޔާތައް ދީފައި އެބަހުއްޓެވެ. މަޑުތަންމަތީގެ އަރާމުނޫން އެއްޗެއް ނުދެކޭ ކިތައް ބޭފުޅުން ޖަލުގެ ކުޑަގޮޅީގައިރޭތައް ގުނާން ޖައްސާފައި ވޭހެއްޔެވެ؟ކީއްވެގެން ހެއްޔެވެ؟ އެބޭފުޅުންގެ ކުށަކީ އަނިޔާވެރިކަމާ އިދިކޮޅަށް ހަމައެކަނި ބަސްބުނެލުމެވެ.
އެމްޑިޕީއާއި ފުރަތަމަ ގުޅިމިހަރަކާތުގައި ބައިވެރިވި ގިނަމީހުންނަކީ މައުމޫނުގެ ސަރުކާރުން ބޮޑެތި ލާއިންސާނީ އަނިޔާތަށްކޮށް އެކަމުގެ ޝިކާރަޔަކަށް ވެގެންދިޔަ މީހުންނެވެ. އެފަރާތްތަކުގެ ޝިކާޔަތުތައް އަޑުއިވި ހިތްމަޑުވެ އޯގާތެރިކަމުގެ އަތް ދިއްކޮށްލެއްވި ތަނަވަސްކަމުގެ އަހުލުވެރީންނަކީ ކިތަންމެ އަދަދު މަދަސް ދީލަތިބަޔެކެވެ. ތިމާމެންގެ މުޅި މާލިއްޔަތު ހުސްކޮށް ލައިގެންވެސް އަނިޔާވެރިކަން ނައްތާލުމަށް އެފަދަ ފަރާތްތަކުން ފިސާރި ދީލަތިކަމާއެކު ހިތްހުޅުވާލަދެއްވިމެއެވެ. މަޑުމަޑުން ރޫހު އިތުރުވެ ބައިބަޔަށް މިހަރަކާތުގައި ބައިވެރިވުމުގެ ހިއްވަރު ދިވެހީންނަށްލިބި ދުރުވިސްނުމާ ސާބިތު ކަމުގައި ތެދުވެ ހިންދަމާލެވުނީ އެއްދުވަހުން ދެދުވަހަކުން ނޫންކަން ގަބޫލުކުރާން ޖެހެއެވެ. އެހެންނަމަވެސް ޕާޓީގެ އިސްސަފުގައި ތިއްބެވި ފަރާތްތަކުގެ ސާބިތުކަން ފެނި ހާމަވާން ފެށުމުން ފިލާތިބެވުނު ފިނޑިކަމުގެ ތޮށިގަނޑު ފަޅާލައި ގިނަބަޔަކު ހިންދަމާލައި ފާޅުގައި ނުކުތީއެވެ.
މިޕާޓީއަށް ކުރިމަތިލާންޖެހުނު ހިތި ތަޖުރިބާ ތަކަކީ މިއަދުވެސް މެންބަރުންގެ ހިތުން ފިލުވާލާން ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެނަސް މިއަދު އެމްޑީޕީ މިދަނީ ސީދާ ލަނޑުދަނޑިޔަށް ވާސިލްވަމުންނެވެ. ﷲގެ މާތް އަމުރުފުޅާ އިރާދަފުޅުން މިޕާޓީޔަށް ކާމިޔާބުތަކެއް މިވަނީ ދެއްވާފައެވެ. ޕާޓީ މިވަނީ ވެރިކަމަށް އައިސް ފެތުރި ފުޅާވެފައެވެ. ނަމަވެސް ޕާޓީގެ އިސްސަފުގައި އެތިއްބެވި ބޭފުޅުންގެ ޚިދުމަތްތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހަމަ ކުރިޔެކޭވެސް އެއްގޮތައް އެބޭފުޅުންނަކީ މިއަދުވެސް އަޅުގަނޑުމެންނަށް ލަފާދެއްވައި ހިއްވަރު ދެއްވާ މަދަދު ވެރީންނެވެ. ވީމައި އަޅުގަނޑުމެންވެސް އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވާން ތިއްބެވި ފަރާތްތަކުގެ އަޑުއަހައި ރިވެތި މަގުން ހިނގާން އެބަޖެހެއެވެ.
މިޕާޓީގެ އަމާޒު ކަމުގައިވާ އަނެއް ދިވެހި ރާއްޖޭގެ މަލަމަތި ފެނި އެއަމާން ބަނދަރަށް ދިއުމަށް މިކުރާ ދަތުރުގައި ސާބިތުވެ ތިބެވޭނީ އެކަކު އަނެކަކާ ހިތްހެޔޮކޮށް އަބަދުވެސް އަތުގުޅާލައިގެން ތިބެގެންނެވެ. މިއަދު މިޕާޓީއާއި އަލަށް ގުޅި އިތުރުވަމުންދާ މެންބަރުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން ދާއިރު އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ ފެށުންއޮތްގޮތް ހަނދާންކޮށް ޝުކުރުވެރިވާންޖެހޭ ފަރާތްތަކަށް ޙަޤީޤީ މާނައިގައި ޝުކުރުވެރިވާން ޖެހޭނެއެވެ. މިޕާޓީއަކީ އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އަދި ޕާޓީގެ އެންމެހާ މެންބަރުންވެސް އެކަކު އަނެކަކަށް އެންމެ ހެޔޮއެދޭ ހާލު އިޙްތިރާމްކޮށް ރިވެތި ނަމޫނާ ދައްކާންޖެހޭނެއެވެ. މިޕާޓިއަކީ ހުރިހާ ފަންތިއެއްގެ އެންމެންގެ ޕާޓީއެވެ. ދިވެހި ރައްޔިތުންގެ ވިންދުތަކާ ގުޅިފައިވާ ޕާޓީއެވެ. މިގޮތުގައި އަޅުގަނޑުމެންނަށް ތާއަބަދު ކުރިޔަށް ދެވޭނީ މާޒީގެ ތަޖްރިބާގެ އަލީގައި އެއްރޫޙެއްގައި އަޅުގަނޑުމެންގެ ސަފުތައް ސީދާ ކޮށްގެން ޚިދުމަތުގައި އަތުކުރި އޮޅާލައިގެންނެވެ. ރައީސް ނަޝީދު އެވިދާޅުވިހެން ޚާދިމަކަށް ނުވެ ޤާއިދަކަށް ނުވެވޭނެކަން ހިތުގެ އަޑިން ޤަބޫލު ކޮށްގެންނެވެ. އަޅުގަނޑުމެންގެ ވެރީންނަށް ބޯލަނބައި އިހްތިރާމް ކުރުމަކީ އަޅުގަނޑުމެންގެ ދީނީއަދި ދުނިޔެވީ ވާޖިބެއްކަން ރަނގަޅަށް ދެނެތިބެގެންނެވެ. ފާލުން ނުނެއްޓި މިހާރުމިދާ މަގުން ސާބިތުވެ އަޒުމާއެކު ހިނގާނަމަ އަޅުގަނޑުމެންގެ އަމާންބަނދަރު ދެންމާދުރަކު ނެއްކަން ޔަޤީން ވެއްޖެއެވެ.