ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރަކީ ޙަޤީޤީ ތަޞައްވުރެއްކަން ގަބޫލުފުޅުކުރައްވާ ކަމުގައި އަލްހާން ވިދާޅުވެއްޖެ

18 ފެބްރުއަރީ 2010

a-tifisal-17-02-10-103

ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އާއި މައުމޫން ސަރުކާރުގެ ކެބިނެޓުގެ އިސްމަޤާމްތަކެއް ފުރުއްވައި މިހާރު ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި ހުންނެވި އަހުމަދު ޢަބްދުﷲ އާއި އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއް ކަމަށްވާ ޑރ ހުސައިން ރަޝީދު ހަސަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މިކުލަގަދަ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އަލްހާން ވިދާޅުވީ އެމްޑީޕީގައި ހުންނެވި ކަމުގައިވީ ނަމަވެސް އަބަދުވެސް މަސައްކަތްކުރައްވާނީ ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން ކަމަށާއި، ރައީސް ނަޝީދުގެ އަނެއްދިވެހިރާޖޭގެ ތަޞައްވުރަކީ ހަގީގީ ތަޞައްވުރެއް ކަމުގައި އަލްހާން ގަބޫލުފުޅުކުރައްވާ ކަމުގައެވެ.
ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޑީއާރުޕީގެ ފިކުރަށް ތާޢީދުނުކުރެއްވީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޞްލަހަތު ދިފާއުކުރެއްވުމަށް ކަމަށާއި، ސަރުކާރުންކުރައްވާ ހުރިހާ ކަމަކަށް ހުރަސްއެޅުމުގެ ބަދަލުގައި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމަށް މަގުފަހިވާ ގޮތަށް މަސައްކަތްކުރަންޖެހޭނޭކަން ގަބޫލުފުޅުކުރައްވާތީ ކަމުގައެވެ. އަދި އެދުވަހު އެވޯޓުގެ ކަންތައް އެހެން ގޮތަކަށް ނިމިގެން ދިޔަނަމަ ޅަފަތުގައިއޮތް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނޭ ކަމަށާއި އެކަމުގެ ހުރިހާ ދެރައެއް ލިބިގެންދާނީ ނިކަމެތި ދިވެހިރައްޔިތުންނަށް ކަމުގައި އަލްހާން ވިދާޅުވިއެވެ.
އަލްހާންގެ ވާހަކަފުޅު ނިންމަވާލެއްވުމުން އެމްޑީޕީގެ މެންބަރުން އަލްހާން އިށީނދެވަޑައިގެން އިންނެވި ގޮނޑިކޮޅާ ހަމަޔަށް އެމަނިކުފާނު ގެންދެވީ އުރާލައިގެންނެވެ. އަދި އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުން އެއްވެފައިވާ އެމާހައުލުން އެވަގުތު މެދުކެނޑުމެއްނެތި އިވެމުން ދިޔައީ ހޫނު އަތްތިލަބަޑީގެ އަޑެވެ.
އަލްހާންއާ މެދު ޑީއާރުޕީން ކަންތައްކުރި ގޮތަށް އިޝާރާތްކުރައްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު ވިދާޅުވީ ” ޑީއާރުޕީން އަބަދުވެސް އަޅަމުންގެންދަނީ ޅައެއްޗެހި” ކަމުގައެވެ. އަދި ޑީއާރުޕީއަކީ ހަރުދަނާ ޕާޓީއެއް ނަމަ އަލްހާން މެންފަދަ ޤާބިލް، ހަރުދަނާ ބޭފުޅުން އެޕާޓީއާ ދުރަށް ވަޑައިނުގަންނަވާނޭ ކަމުގައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ” މިރެއަކީ އެމްޑީޕީގެ ހަޔާތުގައި ވަރަށް މުހިއްމު ވަރަށް އުފާވެރި ރެއެއް. މިރޭ މިކުރި ސޮއިކުރުމާ އެކީ މިޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ” ކަމުގައެވެ. އަދި މިކާމިޔާބީ އަކީ އާންމު މެންބަރުންގެ ކެތްތެރިކަމާއި ހިތްވަރުގެ ސަބަބުން ލިބުނު ކާމިޔާބީ އެއް ކަމުގައި މާރިޔާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ދާދިފަހުން ސޮއިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި، ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލް ހަމީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ރަސްމީގޮތުނަ މާރިޔާ އިއުލާންކުރެއްވިއެވެ.
އެމްޑީޕީއާ އަލަށް ރޭ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލް ޖުމްހޫރިއްޔާ އާއި، އެމްޑީޕީގެ ވަގުތީ ރައީސާއި، ޕާޓީގެ ޗެއަރޕާސަންގެ އިތުރުން ޕާލަމެންޓްރީ ގްރުޕުގެ ލީޑަރުވަނީ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ރޭ އެމްޑީޕީ އާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ 2 މެންބަރުން ވެސް ވިދާޅުވީ އެބޭފުޅުން އެމްޑީޕީއާ ގުޅި ވަޑައިގެންނެވީ އެމްޑީޕީ އަކީ އެންމެ ޑިމޮކްރަޓިކް ޕާޓީކަމަށް ވެފައި، ދާއިރާގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ކުރެއްވޭނީ އެމްޑީޕީގައި ތިއްބަވައިގެންކަން ޤަބޫލުފުޅު ކުރައްވާތީ ކަމުގައެވެ.
މިފަހުގެ ތާރީޚެއްގައި އެމްޑީޕީން ބޭއްވި އެންމެ ކުލަގަދަ އެއް ހަފްލާ ކަމަށްވާ ރޭގެ ޚާއްޞަ ޖަލްސާ ނިންމަވާލެއްވީ ހަފްލާޔާ ގުޅޭ ޚާއްސަ ދުއާއަކުން ނެވެ. މިދުއާ ވިދާޅުވެދެއްވީ އަލްހާފިޒް އަހުމަދު ޒަކީ އެވެ.