ޢަބްދުﷲ ޖުނައިދު
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ދިނުމަށްޓަކައި 22 ރަށެއްގައާއި 3 ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްތެރޭން ޕްރައިމަރީތައް ބާއްވާނެ ރަށްތަކާއި ދާއިރާތައް ކަނޑައެޅުނީ މިއަދުއެވެ. ބައެއް ދާއިރާތަކުން މިހާރުވެސް ފޯމުތައް އިވެލުއޭޓްކުރަމުންދާއިރު، ހަވީރު 6 ޖެހުމާ ހަމަޔަށް ޕްރައިމަރީތައް ބޭއްވުމަށް ފައިނަލްވެއްޖެކަމަށް ކޯޑިނޭޓަރުން މަޢުލޫމާތު ދެއްވަނީ (ހއ އަތޮޅުން) ހޯރަފުށި، ކެލާ، ތަކަންދޫ އަދި އިހަވަންދޫ އެވެ. (ހދ) އަތޮޅުން ވައިކަރަދޫއާ ކުރިނބި އަދި ކުޅުދުއްފުށީގެ އިތުރުން ނެއްލައިދޫގައި ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު (ރ އަތޮޅުން) ޕްރައިމަރީ ބާއްވަނީ އުނގޫފާރާއި ހުޅުދުއްފާރުގެ އިތުރުން އަނގޮޅިތީމުގައެވެ. (ބ އަތޮޅުން) ތުޅާދޫއާ ގޮއިދޫ ޕްރައިމަރީއަކަށް ދާއިރު (ޅ އަތޮޅުން) ޕްރައިމަރީ ބާއްވަނީ ހިންނަވަރުގައި އެކަންޏެވެ. (ތ)ކިނބިދޫއާ ކަނޑޫދޫގައި ޕްރައިމަރީ ބޭއްވުމަށް އަތޮޅު ކޯޑިނޭޓަރާއި ދާއިރާ ހިންގާ ކޮމިޓީން ނިންމިއިރު (ލ) ގަމާއި އިސްދޫގައިވެސް ޕްރައިމަރީ ބާއްވައެވެ. ހުވަދުއަތޮޅުން ޕްރައިމަރީ ބާއްވަނީ ގއ.ކޮލަމާފުއްޓާއި ދާންދޫގައެވެ. ނަމަވެސް ދެއްވަދޫގައި ވެސް ޕްރައިމަރީއެއް ބާއްވަން ޖެހިދާނެ ކަމަށާ އެކަމުގެ މަޝްވަރާތައް ކުރާނެ ކަމަށް ކޯޑިނޭޓަރ ވިދާޅުވިއެވެ. (ގދ)ން ޕްރައިމަރީ ބާއްވަނީ ތިނަދޫގައެވެ.
އަތޮޅު ކައުންސިލަރު ހޮވުމަށްވެސް 3 ދާއިރާއަކުން ވަނީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައެވެ. އެއީ ހދ.ހަނިމާދޫ ދާއިރާއިންނާއި، ރ.އިނގުރައިދޫ ދާއިރާއިންނާއި އަދި ގދ. ތިނަދޫ ދާއިރާއިންނެވެ.
މި ޕްރައިމަރީތައް ކުރިޔަށްދާނީ އެދާއިރާއެއްގެ ހިންގާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށާއި، މިއަންނަ ނޮވެމްބަރުމަހުގެ 10 ގެ ކުރިން ޕްރައިމަރީ ބޭއްވުމަށްފަހު ސިލެކްޝަން ކޮމިޓީއަށް އެންގުމަށް އެމްޑީޕީން ވަނީ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުގައި އެދިފައެވެ.