އެމްޑީޕީ އަންހެނުންގެ ރޫޙުން، ގއ. ވިލިނގިލި ޒަމާނީވިލާ ފާޠިމަތު ޝިއުނާ އާއި އެކަމަނާގެ ތުއްތު ދަރިފުޅު ނިޔާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން އެ ދެމައިންގެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ، ޢާއިލާއަށް ތަޢުޒިޔާ ކިޔަމެވެ. އަދި ފާޠިމަތު ޝިއުނާ އާއި އެކަމަނާގެ ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރަމެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙުން ދެކޭ ގޮތުގައި ފާޠިމަތު ޝިއުނާ އާއި އޭނާގެ ދަރިފުޅުގެ މަރުގެ ޒިންމާ މި ސަރުކާރުން އުފުލަން ޖެހޭނެއެވެ.
މި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ. އަދި ހަމަ އެއާއެކު ބަލިމީހެއް ބަލާ ދާ އެއަރ އެމްބިއުލަންސްއެއްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްޙީ އާލާތްތައް ނެތި، އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މާބަނޑު އަންހެނަކަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ ސިއްޙީ ދާއިރާ މިވަރަށް ކުރިއަރާފައިވާ ޒަމާނެއްގައި، ހިނގައިގެން ވާނެ ފަދަ ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މި މައްސަލައިގައި އިހުމާލުވެފައިވާވުން މި ޕާޓީގެ އަންހެނުންގެ ރޫޙުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މި ސަރުކާރު ވެރިކަމާ ހަވާލު ވުމަށް ފަހު ސިއްޙީ ދާއިރާގެ ހާލަތު ދުވަހުން ދުވަހަށް ދަށަށްދާކަމީ މި ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މި ވާހަކަތައް ތަކުރާރުކޮށް ދެކެވެމުން ދާ އިރުވެސް މިކަންކަން އިސްލާހު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ހުއްޓާ 6 ފެބްރުއަރީ 2025 ގައި މާބަނޑު އަންހެނަކާއި ދަރިފުޅު ނިޔާވުމަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ، ހޮސްޕިޓަލްގެ މަސައްކަތް ހިންގަން ޖެހޭ ގޮތަށް ފަރުވާތެރިކަމާއެކު ނުހިންގުމާއި، އަދި ސީ އެމްބިއުލަންސްއަކުން ލިބެން ޖެހޭ ޚިދުމަތްތައް އެގޮތުގައި ލިބެން ނެތުމުން ދިމާވި، އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމުގައި އަންހެނުންގެ ރޫޙުން ދެކެމެވެ.
ވީމާ މި މައްސަލަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ކަމާ ގުޅޭ އެހެން މުޢައްސަސާ ތަކުންވެސް ތަޙުޤީޤުކޮށް މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދާ ޒިންމާދާރު ކުރުވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ގޮވާލަމެވެ.
ކުރިއަށް އޮތްތާގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، މިމައްސަލަ ރަނގަޅަށް ބަލައި، ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި އަންހެނުންގެ ރޫޙުން ދެކެމެވެ.
މި ނޫސްބަޔާން ނިންމާލަމުން، އަނެއްކާވެސް މަރުޙޫމާ ފާޠިމަތު ޝިއުނާ އާއި އެކަމަނާގެ ދަރިފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި އެ ދެމައިންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
7 ފެބްރުވަރީ 2025