ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކި ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެކެވެ. ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ.
އެގޮތުން, ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ.