ސަރުކާރުން ކޮންޓްރޯލް ކުރާ ކޮމިޝަނެއް އުފައްދައި މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކުރުން

ރާއްޖޭގެ މީޑިއާ އާއި ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް މިވަގުތު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްސީ) އުވާލައި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދައި އެ ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައިވާ ކަންކަމާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކުރަމެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަ ނައިބު ހާމަކޮށްފައި ވަނިކޮށް މި ބިލު އަމިއްލަ މެމްބަރެއް ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް މި ޕާޓީން ދެކެމެވެ. މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެކެވެ.
މި ކޮމިޝަން އެކުލެވޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންގެ މައްޗަށެވެ. އޭގެ އިތުރުން, ބިލުގައި ބަޔާންކުރާ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދީފަ އެވެ. މިއީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އޮތް މަގު ބަންދުވެ ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް ހައްދެއް ނެތި ހިންގުމަށް ފަހިކުރާ ފުރުސަތެއް ކަމަށް އެމްޑީޕީން ގަބޫލުކުރަމެވެ.
ހަމައެހެންމެ, މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދަތަކަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމަށް ހުރަސް އަޅައި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ހިމަނާފައިވާ މާއްދާތަކެކެވެ.
ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށްވާއިރު މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ތާއިދުނުކުރާނެ ވާހަކަ ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.