ލާމަރުކަޒީ ގުޅުން ކޮންފަރެންސް ފެށިއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ ‘ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް’ މިއަދު ފަށައިފިއެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގަ އެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނެ އެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ.

މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް އަދި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އާންމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރުމަށް ސަރުކާރަށް ކައުންސިލަރުންގެ ފަރާތުން ގޮވާލާނެއެވެ.