ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވެސް ނޭގުމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާހުރެ، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުންކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް ދަނީ އައްޔަނުކުރަމުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ދިޔައީ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެ ވައުދު އެގޮތަށް ވެވަޑައިގެންނެވިއެވެ. ނަމަވެސް، އިންތިހާބުތައް ނިމުމާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނެއް ދަނީ ވަކިކުރަމުންނެވެ.
މިކަން މި ހިނގަނީ، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށްކަން ފާހަގަކުރެވެއެވެ.
މީގެ ކުރިންވެސް ރައީސް މުއިއްޒުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަން ފެށިއިރުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކަށަވަރުކޮށްދިން ފަދައިން، މިހާރުވެސް ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް މި ޕާޓީން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަމެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށާއި އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، ކުރާން އެއްވެސް މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި މީހުން މަގާމުތަކުން ވަކިކޮށް، އެފަދަ މަގާމުތައް މަދުކުރުމާއެކު، ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވައިލަމެވެ.
18 ސެޕްޓެމްބަރ 2024