އަލްފާޟިލާ ޢާއިޝަތު ޝާދިޔާއާއި ޑރ.ޝަޒްރާ އިބްރާހީމް ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސް ބަޔާން

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއްނެތި އަޑުއުފުއްލަވަމުން ގެންދެވި އަލްފާޟިލާ ޢާއިޝަތު ޝާދިޔާއާއި ޑރ.ޝަޒްރާ އިބްރާހީމް ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރަމެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން، ހަމަ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު، އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ކޮންމެ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް އޮންނާނެއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށްވާއިރު، އެ ހިޔާލު ފާޅުކުރުން ހުއްޓުވުމަކީ އެމާއްދާގެ ދަށުން ހުއްދަ އަމަލެއް ނޫނެވެ.
މި ސަރުކާރު އުފެދުނު ދުވަހުން ފެށިގެންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެކި ގޮތްގޮތުން ގެންދަނީ ހުރަސް އަޅަމުންނެވެ. ހަބަރު ފަތުރާ ވެބްސައިޓުތައް ބަންދުކުރުމާއި، ނޫސްތަކާ ދެކޮޅަށް މައްސަލަ ހުށަހެޅުމާއި، މީހުންގެ ސިޔާސީ ވިސްނުމަށް ބަލައި އެކަހެރިކުރުން ފަދަ އަމަލުތައް ތަކުރާރުކޮށް ފެންނަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށްބުނެ މިސަރުކާރުން ހިންގި އެއްވެސް އަމަލެއްގައި އިހުލާސްތެރިކަމެއް ނެތްކަން، މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވާގޮތަށް ބެލުމުންވެސް ހާމަވެއެވެ. ފަލަސްތީނަށް އެހީ ފޮނުވުމުގައިއާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި އަޑުއުފުލުމުގައިއާއި، އަދި ފަލަސްތީނުގެ ހައްގުގައި އަޅާނޭކަމަށް އިއުލާނުކުރި ފިޔަވަޅުތައް އެޅުމުގައިވެސް މި ސަރުކާރުގެ ފުށުން ފެންނަނީ ފަހަތުފަޔަށް ބުރަވުމާއި، އިހުމާލުގެ އަމަލުތަކެވެ.
ފަލަސްތީނުގެ ރައްޔިތުންނާމެދު ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި އޮންނަ ހަމްދަރުދީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އާންމު ޖަޒުބާތެވެ. އެ ޖަޒުބާތުގައި ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ ގާނޫނު ހުއްދަކުރާ އަމަލެއްގެ ސަބަބުން ހިފައި ހައްޔަރުކުރެވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލައިގެން ހައްޔަރުކޮށްފައިވާ އަލްފާޟިލާ ޢާއިޝަތު ޝާދިޔާއާއި ޑރ.ޝަޒްރާ އިބްރާހީމް ވަގުތުން ވަގުތަށް މިނިވަންކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.