ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކުރުމަށް ސަރުކާރަށް ގޮވައިލުން

މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވައިފައިވާ ވާހަކަތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކުށްވެރި ކުރަމެވެ.
ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް މި ޕާޓީން ދެކެއެވެ. ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ.
އެމްޑީޕީގެ ސަރުކާރުގައި، ޙުކުން ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި ޢަމަލުކޮށްފައިވާނީ އެކަމަށް ޙާއްސަ ޤާނޫނު ކަމުގައިވާ، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށެވެ. އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަޙްލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ދެންނެވުނު ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަންކޮށްފައިވާނެއެވެ. އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މަޢާފުކުރެވުނު ޙުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ޤާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަމެވެ.
ހަމައެހެންމެ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އެ ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްއިރު، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ވެސް ގޮވައިލަމެވެ.
ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ޤާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ޤާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަމެވެ.

20 ޖޫން 2024