އެމްޑީޕީ އިންސްޓިޓިއުޝަނަލައިޒް ކުރަން މުހިންމު މަސައްކަތްތަކެއް ފަށައިފި

ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގެ ގޮތުން އެންމެ މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ޕާޓީގެ 19 އަހަރުގެ ތަޖުރިބާގެ އަލީގައި ފެށުމަށް ގައުމީ މަޖިލީހުގެ މެމްބަރުންނާއި މައުލޫމާތު ހިއްސާކޮށްފި އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިމިގެންދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފަ އެވެ.
އެގޮތުން, ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ. ހަމައެހެންމެ, ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކޮށް މެމްބަރުންގެ ހިޔާލު ވެސް އެ ކޮމިޓީން ހޯދުމަށް ވަނީ ނިންމާފަ އެވެ.
އިންތިހާބު ތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް ވަނީ ގައުމީ މަޖިލީހާ ހިއްސާކުރައްވާފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއް ކަމުގައި ޗެއާޕާރސަން ވިދާޅުވިއެވެ. އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ.
މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ޗެއާޕާސަން ގައުމީ މަޖިލީހުގައި އެދިވަޑައިގެންނެވި އެވެ. އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ޗެއާޕާރސަން ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ.