ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ނެރޭ ނޫސްބަޔާން

މި ފެށޭ އައު ދިރާސީ އަހަރުގެ ތަހުނިޔާ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް އަރިސްކުރަމެވެ. އަދި މިފެށޭ ދިރާސީ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމުގައި ލެއްވުންއެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ.

އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް އަޅުގަނޑުމެން ކުށްވެރިކުރަމެވެ. ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުންނެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުންދަނީ ކުރަމުންނެވެ. އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ.

ދިރާސީކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށްނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަޅުގަނޑުމެން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުމެވެ. އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތަޢުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ.

26 މެއި 2024