އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާޙިދު މަޖިލިސް ރައީސް އަސްލަމް އާއި މަޖިލިސް ނައިބު ރައީސް އަޙްމަދު ސަލީމްއާ މިއަދު ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

19 ވަނަ މަޖިލީހުގެ މަސައްކަތްތަކަށް ނިމުމެއް އައުމާ ގުޅިގެން މިއަދު މެންދުރު ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، މި ނިމިގެންދާ މަޖިލިސް ދައުރުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ބެހޭ ގޮތުން ޕާޓީގެ ރައީސް ވަނީ މަޖިލިސް ރައީސް އަދި ނައިބު ރައީސްއާ މަޝްވަރާކުރައްވާފައެވެ.

ނިމިގެން މިދާ މަޖިލިސް ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ފޮނުއްވައިގެން، އެމް.ޑީ.ޕީގެ މެޖޯރިޓީގައި މަޖިލީހުން ފާސްކޮށްފައިވާ މުހިއްމު ބައެއް ބިލްތަކަށް ޕާޓީގެ ރައީސް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން އެމް.ޑީ.ޕީއިން ދިވެހިރާއްޖެއަށް ތަޢާރަފުކުރި ޓެކްސްގެ ނިޒާމް އިތުރަށް ފުރިހަމަކުރުމަށް އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނު ފާސްކޮށް، އިޤްތިޞާދު ހަމަމަގުގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް މަޖިލީހުންނާއި ކޮމިޓީތަކުން މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި އެކި ވަޒީފާތަކުގައި ތިއްބެވި ފަރާތްތަކަށް ޒަމާންތަކެއް ވަންދެން ބޭނުންވެފައިވާ ޤާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލާއި، ޗާރޓަޑް އެކައުންޓެންޓުންގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލްގެ މަސައްކަތް އެމް.ޑީ.ޕީ މެމްބަރުން އިސްވެތިއްބަވައިގެން ނިންމެވިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ޝާހިދު ވަނީ އެމް.ޑީ.ޕީއިން ފެށި ފަނޑިޔާރުގެ އިސްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން ހެއްކާއި ބެހޭ ބިލާއި މަދަނީ އިޖުރާތާއި ބެހޭ ބިލްގެ މަސައްކަތް ނިންމިކަން އަލިއަޅުއްވާލެއްވިއެވެ.

އެމް.ޑީ.ޕީ 2018 ވަނަ އަހަރު ވެރިކަމަށް އައި އިރު ކަސްތޮޅު އެޅުވިފައިވާ ލާމަރުކަޒީ ނިޒާމް އަލުން ހިނގައިގަތުމަށް ބޭނުންވާ ޤާނޫނު ފާސްކޮށް، އެނިޒާމް ހަރުދަނާކަމާއެކު ހިނގަމުންދަނީ 19 ވަނަ މަޖިލީހުގެ މުހިއްމު ދައުރެއް އޮވެގެންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އެމް.ޑީ.ޕީ އަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތްކުރާނެ ޕާޓީކަމަށާއި، 19 ވަނަ މަޖިލީހުން އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލް ފާސްކުރުން އެކަމުގެ ހެއްކަކަށް ފުދޭކަމަށެވެ.

މެޖޯރިޓީ ޕާޓީގެ ގޮތުގައި އެމް.ޑީ.ޕީ އޮވެ، މިޕާޓީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއްކަންވެސް ޕާޓީގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި 19 ވަނަ މަޖިލީހުގައި ފުރިހަމަ، ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި ޤާނޫނު ހަދާ މަޖިލީހެއް މަސައްކަތްކުރާނެ ގޮތް 19 ވަނަ މަޖިލީހުގައި އެމް.ޑީ.ޕީއިން ދައްކުވައިދިންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 19 ވަނަ މަޖިލީހުގައި އެމް.ޑީ.ޕީ ގެ ޕާލަމެންޓްރީ ގްރޫޕުން ކުރެއްވި ބުރަ މަސައްކަތްތަކަށް އެމް.ޑީ.ޕީގެ ރައީސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ސަރުކާރުގައި އެމް.ޑީ.ޕީ އޮތްނަމަވެސް، ސަރުކާރު ޖަވާބުދާރީކޮށް، ވަޒީރުންނާ ސުވާލުކޮށް، އެމް.ޑީ.ޕީ އާއި ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ މަސައްކަތްތަކެއް 19 ވަނަ މަޖިލީހުގައި ތިއްބެވި އެމް.ޑީ.ޕީގެ މެމްބަރުން ކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.