ޕާޓީގެ ކުރިމަގު ކަނޑައެޅުމަށް ދިރާސާކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށް ގައުމީ މަޖިލީހުން ނިންމުން
ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން މިޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ރޭގައިވަނީ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި
މިބައްދަލުވުމަށް މިވަގުތު މާލޭގައި ތިއްބެވި 50 އަށްވުރެ ގިނަ މެމްބަރުންވަނީ ޙާޟިރުވެފައެވެ.
މިބައްދަލުވުމުގައި މެމްބަރުންވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނިކުމެފައިވާ ގޮތާއިމެދު ފުޅާދާއިރާއެއްގަ މަޝްވަރާކޮށްފައެވެ.
މިމަޝްވަރާއަށްފަހު ނިންމާފައިވަނީ އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތަކުގެ ދިރާސާއެއް ހެދުމަށް ކޮމެޓީއެއް އެކުލަވާލުމަށާއި އަދި މިދިރާސާގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ފުޅާ ދާއިރާއެއްގައި އެކުލެވޭނެހެން ރައްޔިތުންގެ ގާތަށްގޮސް ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކާއިމެދު ދިރާސާ ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށެވެ.