އިހި ނަގަން އެރިއުޅެނިކޮށް އައްޑޫ ސިޓީއިން ގެއްލިފާ ޒުވާނާ ހޯދުމުގައި ސަރުކާރުން އަމަލުކުރާގޮތާމެދު ކަންބޮޑުވުންފާޅުކޮށް އެމްޑީޕީ ގެ ފަރާތުން ނެރޭ ނޫސްބަޔާން

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިޙްމާލުވަމުންދާތީ މި ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމެވެ. ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ މި ޕާޓީން ދެކޭ ގޮތުގައި އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ.

އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ މި ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ.

ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަމެވެ.

މި ޕާޓީގެ އެންމެހާ މެންބަރުންގެ ދުއާއަކީ ނައީޝް ހެޔޮ ހާލުގައި ފެނުމެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.