ކުށްކުރުމާއި މާރާމާރީ އިތުރުވާތީ އެމްޑީޕީގެ ފަރާތުން ނެރޭ ނޫސްބަޔާން

ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ. ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ މި ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެއެވެ. އަމާން ރާއްޖެ އެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެއެވެ.
މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔައެވެ. މި ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުންނެވެ.
މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން ޕާޓީ އިން ފާހަގަކުރަމެވެ. މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެކެވެ. ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީއިން ގޮވާލަމެވެ.
އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރެވެ. އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މި ޕާޓީން ގޮވާލަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށެވެ.