އެމް.ޑީ.ޕީގެ ތަފާތު އިވެންޓެއް މާދަމާ ރޭ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ (ބުރާސްފަތި ދުވަހު) ރޭ މާލޭގައި އޮންނާނެއެވެ. މާދަމާ ރޭ 8:00 ގައި މާފަންނު ސޯޝަލް ސެންޓަރުގައި ބާއްވާ މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެކެވެ. އެމް.ޑީ.ޕީއަކީ ހަރުގެ ބައްދަލުވުންތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ކެމްޕޭން ޖަގަހަތަކާއި، މިނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތަޢާރަފްކުރި ޕާޓީއެވެ.

މާދަމާ ރޭ ބާއްވާ މި ޙަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެކެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ މި އިވެންޓްގައި އެމްޑީޕީއިން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ އިޤްތިޞާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. މި އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ރަނިންގ މޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.