ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމި ނިންމުމަށް މަރުޙަބާ ދަންނަވައި ނެރޭ ނޫސް ބަޔާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީއާ އެކުގައި ދެމިތިބުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް މި ޕާޓީގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

2018 ގައި އުފެދުނު މި ވެރިކަމުގައި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި އިޚްލާސްތެރިކަމާއެކު ސަރުކާރަށް އެއްބާރުލުންދީގެން މިހާތަނަށް ދެމިތިބި ކަމަށްޓަކައި އަދާލަތު ޕާޓީއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ޝުކުރު އަދާކުރަމެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ޤައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެވޭނީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް އަދާލަތު ޕާޓީން ޤަބޫލުކޮށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމަކީ ޤައުމާއި ރައްޔިތުންނަށްޓަކައި ހަރުދަނާ ނިންމުމެއް ކަމަށް މި ޕާޓީން ދެކެމެވެ.