ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޕާޓީގެ އާއްމު މެމްބަރުންނެވެ. ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު މި ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކު ޕާޓީގެ މެމްބަރަކަށް ވުމަކީ އަބަދުވެސް މި ޕާޓީން މަރުހަބާ ކިޔާނެ ކަމެކެވެ. އެއާއެކު ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ މި ޕާޓީން އިސްކަންދޭ ކަމެކެވެ. އެމްޑީޕީއަކީ އަބަދުވެސް މި ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެކެވެ. މި އިންތިހާބުތަކުގައި ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި މި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށެވެ.
ނަމަވެސް, ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ.
މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެކެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެމްބަރުކަން ބާތިލުވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުންނެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ވަނީ “އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ” ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ “މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި, މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ. މި ނިންމުމާ އެއްގޮތަށްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ނިމިދިޔަ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރަމެވެ.