އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުއަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ކުށްވެރިކުރުން.

މިޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ މި ޕާޓީން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ.

ސިޔާސީ ވާދަވެރިކަމުގެތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތްކުރުމަށާއި، އެވާދަވެރިކަމުގެތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތްނުކުރުމަށް މިޕާޓީން އިލްތިމާޞްކުރަމެވެ. އަދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން މިފުރުޞަތުގައި އެންމެހައިބޭފުޅުންނަށް ހަދަމަފުޅުކޮށް އަރުވަމެވެ.

މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ.

އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ މިޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމަކެވެ. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށްވެސް މިޕާޓީން ދެކެމެވެ.

މިޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިޕާޓީން ގޮވާލަމެވެ