ށ.މިލަންދޫ ރަށު ކައުސިލުގެ އެމް.ޑީ.ޕީ. މެމްބަރ ޢަހްމަދު ޝިޔާމަށް ޙަމަލާދީ އަނިޔާކުރި މައްސަލަ ކުށްވެރިކުރުން

ށ.މިލަންދޫ ރަށު ކައުސިލުގެ އެމް.ޑީ.ޕީ. މެމްބަރ ޢަހްމަދު ޝިޔާމަށް ބަޔަކު މީހުން ރޭގެ ވަގުތެއްގައި ޙަމަލާދީ މާރާމާރީ ހިންގާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. އަދި އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންގެ ޚިދުމަތަށް ގޮވާލަމެވެ.

އެ ޙަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި އެ ރަށުގެ ކެފޭއެއްގައި ކައުންސިލަރ އަޙްމަދު ޝިޔާމް އިންނަވަނިކޮށް އެ ކެފޭތެރެއަށް ގްރޫޕެއްގެ ބަޔަކު ވަދެ އޭނާއާ ދިމާކުރުމަށްފަހުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެ މާރާމާރީގައި ތޫނު އެއްޗަކުން އޭނާގެ ވައަތުގެ ކޮނޑުހުޅާ ދިމާލުން ޒަޚަމްކޮށްލާފައިވެއެވެ. އެ އަނިޔާތަކަށް ފަރުވާހޯއްދެވުމަށް އަޙްމަދު ޝިޔާމް މިލަންދޫ ސިއްޙީމަރުކަޒުގައި އެޑްމިޓްކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށާއި އަދި އާންމުކޮށް އެންމެހައި ރައްޔިތުންނަށް މިފަދައިން ދެވޭ ޙަމަލާތަކުގެ މައްސަލަ ސީރިއެސްކޮށް ނަންގަވައި، ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގަވައި އިންސާފު ޤާއިމުކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.