ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމް.ޑީ.ޕީ. މެމްބަރު އޮނަރަބަލް ޙުސައިން ވަޙީދު އަވަހާރަވުމުގެ ފުންހިތާމައިގައި މި ޕާރޓީ ބައިވެރިވަން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމް.ޑީ.ޕީ. މެމްބަރު އޮނަރަބަލް ޙުސައިން ވަޙީދު އަވަހާރަވުމުގެ ފުންހިތާމައިގައި މި ޕާރޓީ ބައިވެރިވަމެވެ.

ޙުސައިން ވަޙީދު އަވަހާރަވެފައިވަނީ ކެންސަރު ބަލީގެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއްގައި އުޅުއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.


ޙުސައިން ވަޙީދު 17 ވަނަ ރައްޔިތުންގެ މަޖިލީހަށާއި އަދި މި ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން، އެ މަނިކުފާނުގެ ދާއިރާއަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އަދި އެމް.ޑީ.ޕީ. އަށާއި މި ޕާރޓީގެ ޑިމޮކްރެސީގެ ޙަޔާތަށް ވަރަށް ހިތްވަރުފުޅާއެކު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެމަނިކުފާނު މިދުނިޔެއާ ވަކިވެވަޑައިގެންދިއުމަކީ މި ޕާރޓީއަށާއި ރާއްޖެއަށް ލިބިގެންދިއަ ނުހަނު ބޮޑު ގެއްލުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމް.ޑީ.ޕީ. މެމްބަރު އޮނަރަބަލް ޙުސައިން ވަޙީދުގެ ފުރާނަފުޅަށް މާތް ﷲ ރަޙްމަތްލެއްވުމަށް ދުޢާކުރާހިނދު، އެމަނިކުފާނުގެ އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަމެވެ. އާމީން!