އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓްގައި ހިމެނޭ މުވައްޒަފަކު މިއަދު އޮފީސްތެރޭގައި ހިންގި މާރާމާރީގެ ޢަމަލު މި ޕާޓީން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް މި ޕާޓީން ޓޮލަރޭޓް ނުކުރާނެކަން ހާމަކުރާ ހިނދު، އަވަސް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ގޮވާލުން.

އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓްގައި ހިމެނޭ ފިރިހެން މުވައްޒަފަކު މިއަދު އޮފީސްތެރޭގައި އަންހެން މުވައްޒަފަކަށް ޙަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ، އެ އަނިޔާވެރި މާރާމާރީގެ ޢަމަލު މިޕާޓީން ހަރުއަޑުން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް މިޕާޓީން ޓޮލަރޭޓް ނުކުރާނެކަން ހާމަކުރާހިނދު، މި މައްސަލައިގެ އަވަސް އަދި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް ގޮވާލަމެވެ. މިގޮތުން މި މައްސަލަ ވާނީ މި ޕާރޓީގެ ފަރާތުން ފުލުހަށް އަންގައި ހުށަހަޅާފައެވެ. މި މާރާމާރީގައި މި ޕާރޓީގެ އޮފީހުގެ އެހެން ފިރިހެން މުވައްޒަފަކަށް ވެސް އޭނާ ޙަމަލާދީފައި ވެއެވެ.

އަނިޔާ އެންމެ ބޮޑަށް ލިބުނު އަންހެން މުވައްޒަފު، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ލިބުނު ޒަޙަމްތަކަށް މިހާރު ދަނީ ފަރުވާދެމުންނެވެ. އަދި އަނިޔާލިބުނު ދެ މުވައްޒަފަށް މިޕާޓީން އަވަސް ޝިފާއަކަށް އެދެމެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް