އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކުރުމަށް ޕާޓީގެ ރައީސް ގޮވާލެއްވިގޮވާލެއްވުމަށް އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާއިން ތާއީދުކުރުން

ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް މި ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާއިން ފުރިހަމައަށް ތާއީދުކުރެއެވެ.
.
އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރަމުންއަންނަ އެންމެ މުހިއްމު އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުހެދުމާއި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ފަހަތައް ނުޖެހުމާއި ރައްޔިތުންނަށް އޯގާތެރި ސަރުކާރެއްހޯދައިދިނުމެވެ. އެމް.ޑީ.ޕީ އިން އެންމެފަހުން ކާމިޔާބުކުރި ރިޔާސީ އިންތިހާބުގަޔާއި 2019 ވަނައަހަރުގެ ރައްޔިތުންމަޖްލިސް އިންތިހާބުގައިވެސް ރައްޔިނތުންނަށްވެވުނު ވައުދުތަކުގެތެރޭގައި އަދި ރައްޔިތުން އެކަންކަމަށް ތާއީދުކޮށް އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް ވޯޓުދީފާއިވާ ކަންތަކުތެރޭގައި ގޮތް ނޭންގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމަށްވީ ވައުދުތައްހިމެނެއެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްاللهއާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށްވެސް ފެންނާންއޮތީ ބަޔަކު ރޭވުންތެރިކަމާއިއެކު އެފަހަރަކު ސިޔާސީގޮތުން ޓާގެޓްކުރާބަޔަކު ފަހަގަކޮށް އެބަޔެއްގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދުމަށް ދުރާލާ ބަޔަކުމުގުލުގާތިބެ ރާވައިގެންކަންކަމުގައި ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައި ގައުމުވެއްޓިފައިއޮތް މިއަނދަވަޅުން އަރައިގަނެވިގެންކަން މިދާއިރާގެރައްޔިތުންނަށް ވަރަށްސާފުކޮށް ފެންނާންއެބައޮތެވެ.

ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ސީޔާސީ މަގުސަދުތައް ހާސިލުކުރަން ސަރުކާރުން އިސްކަންދިނުމުގެ ބަދަލުގައި މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ މިގައުމުގެ މުސްތަގުބަލުގެ ޖީލުތަކަށްޓަކާ ކޮންމެހެންކުރާންޖެހިފައިވާ ކަމަކަށްވީހިނދު, އެމްޑީޕީއިން ވެފައިވާމިފަދަ އެންމެހާ ވައުދުތަކަށް ސަރުކާރުން އިސްކަންދޭންޖެހޭކަމަށް ރައީސް މުހަންމަދު ނަޝީދާއެކު މިދާއިރާގެ އެންމެހާ ރައްޔިތުން އިއްތިފާގުވެއެވެ.

މިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ހިފެހެއްޓުމަށާއި ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމަށާއި, ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުމަށާއި މިޕާޓީއިން ރައްޔިތުންނަށް ވިއްކި އެންމެހާ ވައުދުތައް ފުއްދުމަށް ސަރުކާރުން އަވަސްވެގަތުމަށް އަދި އެމްޑީޕީގެ މިފަދަ އެންމެހާ އަސާސްތަކަށް އިޙްތިރާމްކުރުމަށް މިޕާޓީގެ މައްޗަންގޮޅިމެދު ދާއިރާއިން ސަރުކާރަށް ގޮވާލަމެވެ.