ޤާނޫނު ނަންބަރު 9/2014 (ޤާނޫނުލްއުޤޫބާތު) އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ގޮވާލުން

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ “ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުއުޤޫބާތު) އަށް އިސްލާހު ގެނައުމުގެ ބިލު” ހުށަހަޅުއްވާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައެވެ. އަދި މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމަށް މި ޕާޓީ އިން ދެކެމެވެ.
ނަމަވެސް، މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް މި ޕާޓީއިން ހަރުއަޑުން ކުށްވެރިކުރަމެވެ. އަދި މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި، މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާކަމީ މި ޕާޓީއިން ކަންބޮޑުވާ ކަމެކެވެ.
މި ޕާޓީއިން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުމެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ މި ޕާޓީގެ އެންމެ އިސް އެއް އަމާޒެވެ.